01 Oct 2012, 14:01
ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުންފުނިތަކަށް މަސީން އަލަށް ތައާރަފްކޮށް ރާއްޖޭގެ ފުރަތަމަ ފަހަރަށް ދޭ "މަސީ ބިލްޑާސް އެވޯޑް 2012" ހަތަރު ކެޓަގަރީއަކުން ދޭގޮތަށް ނިންމައިފި އެވެ.
މަސީން މިއަދު ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަސީ އެވޯޑްދިނުމަށް އެކުލަވާލާފައިވާ ބިލްޑާސް އެވޯޑް ކޮމެޓީ ގެ މެމްބަރު ހަސަން ޝަމީމް ވިދާޅުވީ އެ އެއެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ހަތަރު ކެޓަގަރީއަކުން ކަމަށެވެ. އެއީ ކުދި ކުންފުނިތަކަށް ދޭ އެވޯޑެވެ. އެ ކެޓަގަރީއަށް ޝަރުތުހަމަވަނީ 10 މިލިއަން ރުފިޔާއަށްވުރެ ދަށުގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ ކުންފުނިތަކެވެ. މެދުފަންތީގެ ކުންފުނިތަކަށް އެވޯޑެއް ދޭއިރު އެ ގެޓަގަރީގެ ޝަރުތެއްގެ ގޮތުގައި ކަޑައަޅާފައިވަނީ 11 މިލިއަން ރުފިޔާ އާއި 25 މިލިއަން ރުފިޔާއާ ދެމެދުގެ މަސައްކަތް ކުރާ ކުންފުނިތަކެވެ. ދެން އެވޯޑް ދެނީ އިންޑަސްޓްރީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކަށެވެ. އެ ކެޓަގަރީއަށް ޝަރުތުހަމަވަނީ 25 މިލިއަނަށްވުރެ މަތީ ޕުރޮޖެކްޓްތަކުގެ މަސައްކަތްކުރާ ކުންފުނިތަކެވެ. އަދި ބަނދަރުހެދުމާއި މަގު ހެދުމުގެ މަސައްކަތްކުރާ ސިވިލް ކުންފުނިތަކަށްވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ.
"ރިވިއު ކުރާއިރު މިބެލެނީ ހަތަރު ބަޔަކަށް، ފުރަތަމަ ބަޔަކީ ޕުރޮޖެޗްޓްތަކުގެ ތެރެއިން ކޮންމެ ކުންފުއްޏަކުންވެސް އެންމެ ރަނގަޅު ފަސް ޕުރޮޖެކްޓެއް ހުށައެޅުން މިއޮންނަނީ، ދެން އެޕުރޮޖެޗްޓްތަށް ހިންގާފައި އޮތްގޮތާ ދިމާވެފަ ހުރި މައްސަލަތަކާ ޓައިމަށް ނިމުނުކަމާ މިހުރިހާ އެއްޗިއްސަކަށް އަޅުގަނޑުމެން ވަރަށް ޑީޓެއިލްކޮށް ބަލާނަން، ދެވަނަ ކަމަކަށް މިއޮންނަނީ ކުންފުނީގެ ބިޒުނަސް އަހަރަކަށް ވުރެ އަހަރެއް އެކުންފުނި ތަރައްގީވޭތޯ ކުންފުނީގެ ޑޮކިއުމެންޓް ޝެޑިއުލް ސުޕީޑް [ވަގުތަށް މަސައްކަތް ނިންމާ މިންވަރު] ރަނގަޅުވޭތޯ، ދެން ތިން ވަނަ ކަމަކަށް މިބަލަނީ މެނޭޖުމަންޓް އަށް ކޮންމެ ގައުމަކުން ވެސް މިކަންކުރާއިރު ވަރަށް ބަލާނެ ޓެކްނިކަލް ޕްރޮޖެކްޓް މެނޭޖަރުން އެބަތިބިތޯ ސިވިލް އިންޖީނިއަރުންގެ ލަފާ ލިބޭތޯ މިޕްރޮޖެޗްޓް ތަކަށް، ދެން އެންމެ ފަހު ކަމަކަށް މިބަލަނީ ޓެކްނިކަލް ކެޕޭސިޓީ" ޝަމީމް ވިދާޅުވި އެވެ.
މަސީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) މިއަދު ވިދާޅުވީ އެ އެވޯޑްގައި މަސީގައި މެންބަރުންގެ ގޮތުގައި ހިމެނޭ ކޮންމެ ކުންފުންޏަކަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި މެންބާޝިޕް ނެތް ކުންފުނިތަކުންވެސް އެ ޖަމްއިއްޔާގައި ރަޖިސްޓްރީ ކުރުމަށް ފަހު އެވޯޑުގައި ބައިވެރިވެވޭނެ ކަމަށެވެ.
އަދި ވިދާޅުވީ އެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މާދަމާއިން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހު 15ގެ ކުރިން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖެނުއަރީ މަހު މަސީން ބާއްވާ ބިލްޑް އެކްސްޕޯގަ އެވެ.
ބިލްޑާޒް އެވޯޑަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތައް ކުރިއަށް ދިޔުމާއި ބޭރު ދުނިޔޭގައިވެސް ކުންފުނިތަކަށް ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެގޮތުން ދޭ އެވޯޑެކެވެ. އެއެވޯޑަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓްކޮށް އެވޯޑް ދިނުމަށް ހަތް މެންބަރުންގެ ކޮމެޓީއެއްވެސް ވަނީ އެކުލަވާލައިފަ އެވެ.