01 Oct 2012, 13:49
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އަހުމަދު މަޤާމުން ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ފެލިވަރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަގާމުން އަލީ އަހްމަދު ވަކި ކުރެއްވީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލައެއް އޭސީސީ އިން ބެލުމަށް ފަހު ޝަރީއަތްކޮށް ދިނުމަށް ޕީޖީއަށް ފޮނުވައިފާ މައްސަލައެއް މިއަދު ރައީސް އޮފީހަށް އެންގުމާ ގުޅިގެން ކަމަށެވެ.
"ފެލިވަރުގެ މޭނޭޖިން ޑިރެކްޓަރުގެ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީން ބެލުމަށް ފަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށް މިއަދު ރައީސް އޮފީހަށް އޭސީސީން ވަނީ އަންގާފައި. އެހެން ކަމުން އެ މަގާމުން އަލީ އަހްމަދު މިއަދު ވަނީ ވަކިކުރައްވާފައި. ސަރުކާރުގެ ސިޔާސަތެއްނޫން ކޮރަޕްޝަނުގެ މައްސަލައެއް ތަހްގީގު ކުރުމަށް ފަހު ޕީޖީއަށް ފޮނުއްވުމަށް ފަހު ވެސް ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ބޭތިއްބުމަކީ،" އައްބާސް ވިދާޅުވި އެވެ.
އަލީ އަހްމަދުގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ފެލިވަރުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ނުވެސް އުފައްދާ ކުންފުންޏަކަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސްދަޅު ކޭސްތަކެއް ކްރެޑިޓަށް ދޫކޮށްފައިވާ މައްސަލަ އެކެވެ.
އެ މައްސަލައިގެ ތުހުމަތުގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އިމްޒިޔާޒް (އިންތި)ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާގެ މައްސަލަ ވެސް އޭސީސީން ވަނީ ދައުވާކޮށް ދިނުމަށް އެދި ޕީޖީއަށް ފޮނުވައިފަ އެވެ.