ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީ މުގައްރިރަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އަދި ނައިބު މުގަރިރަކަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ހޮއްވަވައިފި އެވެ.

ބައެއް މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރެއްވުމާ ގުޅިގެން މަޖިލީހުގެ ކޮމެޓީތައް އަލުން އެކުލަވާލި ފަހުން މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުގައި އެ ކޮމެޓީގެ މުގައްރިރަކަށް މޫސަ ހޮއްވެވީ އެ ކޮމެޓީގައި ބައިވެރިވަޑައިގެންނެވި އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި އަމިއްލަ މެންބަރުން ވެސް ވޯޓު ދެއްވައިގެންނެވެ.

އެ ކޮމެޓީގެ މުގައްރިރަކަށް މޫސަގެ ނަން، އެމްޑީޕީ ޕާލެމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ހުށަހެޅުއްވުމުން އެ ނަމަށް ތާއީދު ކުރެއްވީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންވާ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ އިންތިގާލީ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ކޮމެޓީގެ މުގައްރިކަށް މޫސަ ހޮއްވެވުމަށް ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ފަސް މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެންބަރު އަލްހާނު ފަހުމީ އާއި އެ ކޮމެޓީގައި ޕީޕީއެމް ތަމްސީލް ކުރައްވާ ދެ މެންބަރުނާއި އަދި އަމިއްލަ މެންބަރަކު ވޯޓު ދެއްވާދައިވެ އެވެ.

ކޮމެޓީގެ ނައިބު މުގައްރިރަކަށް ޕީޕީއެމްގެ މެންބަރު، ޝިފާގު ހޮއްވެވުމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ހަތަރު މެންބަރު ވޯޓު ދެއްވި އެވެ.

ޑީއާރުޕީން ގައުމީ ސަލާމަތުގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ޗުއްޓީ ނަންގަވާފައި ވާތީ މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ.

މިއަދު ކޮމެޓީގެ ބައްދަލުވުމައި މުގައްރިރާއި ނައިބު މުގައްރިރު ހޮއްވެވުމަށް ފަހު އިތުރު މަސައްކަތެއް ކޮށްފައި ނުވި ނަމަވެސް ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮއްވެވުމަށް ވޯޓު ދެއްވާފައިވާ ގޮތުން ކޮމެޓީން މަސައްކަތް ކުރިއަށް ގެންދިއުމުގެ ރޫހު އޮތް ކަމަށް ހުރިހާ މެންބަރުން ފާހަގަ ކުރެއްވި އެވެ.

ސިޔާސީ އޮއިވަރުގައި ޖެހިގެން މަސައްކަތްތައް ހުއްޓާލުމުގެ ބަދަލުގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރާ ކޮމެޓީއަކަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ ހެދުމަށް މެންބަރުން އަޒުމު ކަނޑައަޅަން ޖެހޭ ކަމުގައި ކޮމެޓީގެ މުގައްރިރު މޫސަ ވިދާޅުވި އެވެ.