އިނގިރޭސީން ކުރިން އަޅުވެތި ކުރި ގައުމުތަކުގެ މައްޗަށް އެކުލެވޭ ކޮމަންވެލްތުން ވަކިވުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލް މިއަދު އަނބުރާ ގެންދަވައިފި އެވެ.

ކޮމަންވެލްތުން ވަކިވުމުގެ ބިލުގެ ބަހުސްގެ މަރުހަލާ ނިންމުމަށް ފަހު ބިލާ ގުޅޭ ގޮތުން ފަހު ބަސް ވިދާޅުވުމަށް މިއަދުގެ ޖަލްސާގައި ރިޔާޒް ރަޝީދަށް ފުރުސަތު ދެއްވުމުން ވިދާޅުވީ ކޮމަންވެލްތުން ކުރިން ރާއްޖޭއާ މެދު ދެކުނު ގޮތް ބަދަލުވެ، "ހާލަތު ބަދަލުވެފައިވާ" ކަމަށެވެ. އަދި ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ކޮމަންވެލްތުން ކަންބޮޑުވި ކަންތައްތަކަކީ ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތަށް ހިނގައިދިޔަ ކަންތައްތަކެއް ކަމަށް މިހާރު އެ ޖަމާއަތުން ގަބޫލު ކުރާ ކަމަށެވެ.

"އެ މީހުންނަށް [ކޮމަންވެލްތު] ވެސް ދިވެހިރާއްޖޭގައި މި ހިނގައި ދިޔަ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ހިނގި ކަމެއް ކަމަށް އެ މީހުން މިއަދު އޮތީ ގަބޫލު ކުރެވިފައި. އަދި އެކަންތައްތަކާ ގުޅޭ ގޮތުން މިއަދު ރައީސް އަރިހުގައި އެ މީހުން މައާފަށް ވެސް އެދެފި،"

ކޮމަންވެލްތުން ވަކިވުމުގެ ބިލުގެ މަޖިލީހަށް ހުށަހެޅުމާ އެކު، އެމްޑީޕީން ވަނީ ރިޔާޒަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ސިޔާސީ ޕާޓީ ޑީއާރްޕީން ވެސް ވަނީ ކޮމަންވެލްތުން ވަކިވުމުގެ ބިލާ ދެކޮޅު ހައްދަވައިފަ އެވެ. ތަސްމީން ވަނީ ފާޅުގައި އެ ބިލަށް ފާޑުވިދާޅުވެ މީޑިއާގައި ވާހަކަފުޅު ދައްކަވާފަ އެވެ.

'ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ބިލް'ގައި ވާ ގޮތުން އެ ބިލް ގާނޫނަކަށްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ވަކިވާނެ އެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވުމަށް ފަހު އަލުން ކޮމަންވެލްތާ ރާއްޖެ ގުޅުވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ލިބިގެން ކަމަށް ވެސް އެ ބިލްގައިވެ އެވެ.