01 Oct 2012, 13:01
މަސްތުވާތަކެތީގެ ތަފާތު ތިން މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ތ. ތިމަރަފުށިން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދެ މީހެއްގެ އިތުރުން 26 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހުންގެ ތެރެއިން 24 އަހަރުގެ އެކަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ މަގުމަތިން ފެނިގެން ފާސްކުރަން އުޅުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 12 ޕެކެޓް އެތަނަށް އެއްލާލާފައި ފިލަން މަސައްކަތް ކުރުމުން ކަމަށެވެ.
އަދި ދެ ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު މަގުމަތިން ފެނިގެން ބަލައި ފާސްކުރި އިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓެއް ފެނިގެން ނެވެ.
ފުލުހުން ބުނީ އުމުރުން 22 އަހަރުގެ މީހާ އާއި 26 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ރޭ 9:45 ހާއިރު ތިމަރަފުށީ ރެސްޓޯރަންޓެއްގެ ތެރޭ ތިއްބައި ފުލުހުން ގޮސް ބަލައި ފާސް ކުރުމުން އޭގެ ތެރެއިން އެކަކު އިށީންދެ އިން ގޮނޑީގެ ދަށުގައި އޮތް ސިނގިރޭޓް ފޮއްޓަކުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓް ފެނިގެން ކަމަށެވެ.
ފުލުހުން ބުނީ ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނާ މެދު ހިތްހަމަނުޖެހިގެން އެ ރަށު ޕޮލިސް ސްޓޭޝަންގެ ކައިރިއަށް ގުރޫޕެއްގެ ބަޔަކު އެއްވެ އަޑުގަދަކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތް 23 އަހަރާއި 24 އަހަރުގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.