01 Oct 2012, 12:59
އަންނަ އަހަރު ރާއްޖޭގައި އެލީޓް ރެފްރީންގެ ދެ ގްރޫޕް އޮންނާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ރެފްރީޒް ޑައިރެކްޓަރު މެލޭޝިޔާގެ އާމިރު ޝަރަފުއްދީން ވިދާޅުވީ ރެފްރީ އަހުމަދު އަސްލަމް ޕާފޯމަންސް އޭއެފްސީން އެސެސްކޮށްފައިވާ ކަމަށާއި ފުރަތަމަ އެސެސްމަންޓުން އަސްލަމް ފާސްވެފައިވާ ކަމަށެވެ.
"ވަރަށް އުއްމީދު އެބައޮތް ދެ ވަނަ އެލީޓް ގްރޫޕެއް އުފެދޭނެ ކަމަށް. އަސްލަމްގެ ޕާފޯމަންސް ވަރަށް ރަނގަޅު ކަމަށް އޭއެފްސީން ބުނެފައިވަނީ. އާ ރެފްރީންނަށް ފުރުސަތުދޭން އެބަޖެހޭ،" އާމިރު ވިދާޅުވި އެވެ.
އޭއެފްސީން އަސްލަމް އެސެސްކޮށްފައިވަނީ ދިރާގު ދިވެހި ލީގުގައި އޭވައިއެލް އާއި ވިޔަންސާ ދެ ވަނަ ބުރުގައި ވާދަ ކުރި މެޗުގަ އެވެ.
ރާއްޖޭގައި މިހާރު އޮންނަނީ އެންމެ އެލީޓް ގްރޫޕެކެވެ. އެއީ ރެފްރީ އަލީ ސަލީމާއި އަހުމަދު އަމީޒާއި އިބްރާހީމް ތައުފީގް (ޑޯނާ) ހިމެނޭ ގްރޫޕެެވެ.
އާމިރު ވިދާޅުވީ އަސްލަމް ހިމެނޭނެ ގްރޫޕަށްލާނެ ރެފްރީން ކަނޑައަޅާނީ އޭއެފްސީން ކަމަށެވެ.
ރާއްޖޭގައި މިވަގުތު ފީފާގެ ތިން ރެފްރީންނާއި ފަސް އެސިސްޓެންޓް ރެފްރީން އެބަތިއްބެވެ. އެއީ ރެފްރީ ސަލީމާއި އަސްލަމް އަދި އަހުމަދު އަފްސަހު އެވެ. އެސިސްޓެންޓް ރެފްރީންނަކީ އަމީޒާއި ޑޯނާ އަދި މުހައްމަދު ފަރީދާއި ޖައުފަރު ރަޝީދު އަދި މުހައްމަދު އަނިލް އެވެ.