08 Sep 2010, 18:36
މިއަދު އިރު އޮއްސުނު އިރު އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީ އާއި ހަނދު ފެންމަތިވާނެ ކަމަށް ފަލަކީ ހިސާބުން ނުދައްކާތީ، މި އަހަރުގެ ފިތުރުއީދު ދުވަހަކީ އަންނަ ހުކުރު ދުވަސްކަމަށް ހަނދު ސާބިތުކުރާ ކޮމިޓީން ކަނޑައަޅައި އިއުލާންކޮށްފި އެވެ.
މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މިކަން އިއްލާން ކުރައްވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. އަބުދުލަމަޖީދު އަބުދުލްބާރީ ވިދާޅުވީ، މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި، އެއްވެސް ސަރަހައްދެއްގައި ހަނދު ފެންމަތިވާނެ ކަމަށް ފަލަކީ ހިސާބުން ނުދައްކާ ކަމަށެވެ. އަދި އެއްވެސް އިސްލާމީ ގައުމުތަކުގައި ވެސް މިރޭ ހަނދު ފެންމަތިވާނެ ކަމަށް ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭޝިޔާ އާއި އެފްރިކާ އާއި ޔޫރަޕްގެ ބައްރުގައި ވެސް ހަނދު ފެންމަތިވާނެ ކަމަށް ނުދެއްކުމާއި، މާދަމާއަކީ، ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، ފިތުރު އީދު ދުވަހަކީ، ހުކުރު ދުވަސް ކަމަށް ސައުދީ އަރަބިއްޔާގައި ވެސް މިހާރު އިއްލާން ކުރައްވާފައި ވާތީ، ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫކުގައިވާ ގޮތުގެ މަތިން މާދަމާއަކީ މި ރަމަޟާން މަހުގެ 30ވަނަ ދުވަސް ކަމަށާއި، ސެޕްޓެމްބަރު 10 ވާ ހުކުރު ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސްކަމަށް ކޮމިޓީން ކަނޑައެޅުއްވީ ކަމަށް ވެސް ޑރ. މަޖީދު ވިދާޅުވި އެވެ.