01 Oct 2012, 12:44
އެއް އަހަރުގެ ކޮންޓްރެކްޓެއް ކުލަބުން ހުށަހަޅައިފިނަމަ ޗެލްސީ ދޫކޮށްލާނެ ކަމަށް މިޑްފީލްޑަރު ފްރޭންކް ލަމްޕާޑާއި ލެފްޓް ބެކް އޭޝްލީ ކޯލް ބުނެފި އެވެ.
މި ދެ ކުޅުންތެރިން ޗެލްސީ އަށް މި ގޮތަށް އަންގާފައިމިވަނީ އާ ކޮންޓްރެކްޓާ ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވި ވާހަކަތައް ދިގުލައިދާން ފެށުމުންނެވެ. މި ސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވާ މި ދެ ކުޅުންތެރިންނަށް ފްރީ ޓްރާންސްފާއެއްގައި އެހެން ކުލަބަކާ ގުޅުމަށް އަންނަ ޖެނުއަރީ މަހު ވާހަކަ ދެއްކުމުގެ ހުއްދަ އޮޓެމެޓިކުން ލިބޭނެ އެވެ.
ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމޮވިޗްގެ މިހާރުގެ އުސޫލަކީ އުމުރުން 30 އަހަރުން މަތިވެއްޖެނަމަ އެއް އަހަރަށްވުރެ ދިގުނުވާ މުއްދަތެއްގެ ކޮންޓްރެކްޓެއް ހެދުމެވެ. އަދި އަހަރުން އަހަރަށް އެ ކޮންޓްރެކްޓް އާކުރުމެވެ. އަބްރޮމޮވިޗް ބުނީ ޗެލްސީގެ ކެޕްޓަން ޖޯން ޓެރީގެ މިހާރުގެ ކޮންޓްރެކްޓް އަންނަ 2014 ވަނަ އަހަރު ހަމަވުމުން އޭނާއާ މެދު ވެސް ކަންތައް ކުރާނީ މި އުސޫލުން ކަމަށެވެ.
ނަމަވެސް އުމުރުން 34 އަހަރުވީ ލަމްޕާޑާއި 31 އަހަރުގެ ކޯލް މިއުސޫލާމެދު ހިތްހަމައެއްނުޖެހެ އެވެ. މި ގޮތާމެދު ހިތްހަމަނުޖެހިގެން އެންމެ ފަހުން ކުލަބު ދޫކޮށްދިޔަ ކުޅުންތެރިއަކީ އައިވަރީކޯސްޓްގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާ އެވެ.
ޗެލްސީގެ ކޯޗު ރޮބާޓޯ ޑިމަޓިއޯ ބުނީ ލަމްޕާޑާއި ކޯލްގެ ކޮންޓްރެކްޓް އާކުރި ނަމަވެސް ފުރަތަމަ 11ގައި ކުޅޭނެ ކަމުގެ ޔަގީންކަން ނުދޭނެ ކަމަށެވެ. އޭނާ ވަނީ ފުލަމް އަތުން ޗެލްސީ މޮޅުވި މެޗުގައި ވެސް ލަމްޕާޑު ބެންޗުގައި ބައިންދައިފަ އެވެ.
ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ލަމްޕާޑު ގެންދިއުމަށް އެމެރިކާގެ އެލްއޭ ގެލެކްސީން މިހާރު ތިބީ ތައްޔާރަށެވެ. އަދި ޗެލްސީގެ ކުރީގެ ކޯޗު ކާލޯ އެންޗެލޮއްޓި ކޯޗުކޮށްދޭ ފްރާންސްގެ ޕެރިސް ސެންޓް ޖަމައިން ވެސް އޭނާ އަށް ޝައުގުވެރިވެ އެވެ. މީގެ އިތުރުން ކޯލް ގެންދިއުމަށް މެންޗެސްޓާގެ ކޯޗު އެލެކްސް ފާގަސަން ވެސް ބޭނުންވެ އެވެ.