ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނައިބު ކަމުގެ މަގާމަށާއި މަޖިލީހުގެ އިންޓާނަލް އޮޑިޓަރެއްގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ. އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.

މިއަދު ފެށުނު މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ އަމީން އާންމުގެ ނައިބު ކަމަށް އައްޔަންކުރެއްވީ ހ. ނަސީމީގޭ ފާތުމަތު ނިއުޝާ ކަމަށެވެ. މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވެވި ވަކީލާ ފާތުމަތު ނިއުޝާ އެ މަގާމަށް އައްޔަން ކުރެއްވީ އަމީންއާންމުގެ ނައިބު ކަމުގެ މަގާމަށް މަޖިލީހުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ހޯދައިގެންނެވެ. އެ މަގާމަށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއު ކުރީ އާންމު ކޮމެޓީގެ ސަބް ކޮމެޓިއަކުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިއުޝާއަކީ "އެންމެ ރަނގަޅު ކެންޑިޑޭޓް" ކަަމަށް އާންމު ކޮމެޓީން ލަފާދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަމީން އާންމު ނުހުންނަވާ ދުވަސްތަކުގައި އަމީން އާންމުގެ މަސައްކަތް ނިއުޝާ މީގެ ކުރިން ވެސް ކުރައްވާފައިވާ ކަމަށެވެ.

އިންޓާނަލް އޮޑިޓަރަކަށް އައްޔަން ކުރެއްވީ އެ މަގާމަށް އިއުލާން ކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، މަޖިލީހުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަދީޖާ ހުސެއިނެވެ.

ޝާހިދު ވިދާޅުވީ އިންޓާނަލް އޮޑިޓަރަކު އައްޔަންކުރެއްވުމުގެ ބޭނުމަކީ މަޖިލީހުގެ މާލީ ހިސާބުތައް ބަލަަހައްޓައި މާލިއްޔަތު ގާނޫނާ އެއްގޮތަށް މަޖިލީހުގެ ކަންތައްތައް ހިނގަމުންދާ ގޮތެއް ބެލުން ކަމަށެވެ. މަޖިލީހަށް އިންޓާނަލް އޮޑިޓަރަކު ހަމަޖެއްސި ނަމަވެވެސް ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރުމަށް އޮޑިޓާ ޖެނެރަލަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން މަޖިލިސް އޮޑިޓްކުރުމަށް ހުރަހެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ.