ގައުމީ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީ އަށް މިދިޔަ އަހަރު 3.8 މިލިއަން ޑޮލަރުގެ (58.5 މިލިއަން ރުފިޔާގެ) ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީގެ މިދިޔަ އަހަރުގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ 2011 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 20.1 މިލިއަން ޑޮލަރު ލިބުނު ނަމަވެސް އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބުނެވެ. އޭގެ ބަދަލުގައި އެ ކުންފުންނިން އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރުގެ ގެއްލުމާ އެކު އެވެ.

ނަމަވެސް 2010 ވަނަ އަހަރަށް ވުރެ 2011 ވަނަ އަހަރުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ދެހާސް ދިހަވަނަ އަހަރު އެ ކުންފުންޏަށް އާމުދަނީގެ ގޮތުގައި ލިބުނީ 19.5 މިލިއަން ޑޮލަރެވެ. އެ އަހަރު އެ ކުންފުންޏަށް 330،696 ޑޮލަރު ވަނީ ސާފު ފައިދާގެ ގޮތުގައި ޖެހިފަ އެވެ. މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވި އަހަރެކެވެ. އެއީ 2008 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާ އަށް 9.4 މިލިއަން ޑޮލަރު ވަނީ ލިބިފައިވެ އެވެ. އަދި 2009 ވަނަ އަހަރު 6.7 މިލިއަން ޑޮލަރުގެ ފައިދާ އެ ކުންފުންޏަށްވި އެވެ.

އެމްޓީޑީސީ އަށް މިއަހަރުގެ ފުތަރަމަ ހަ މަސް ދުވަހުގެ ފައިދާ ވެސް މިދިޔަ އަހަރުގެ ހަ މަސްދުވަހާއި އަޅާބަލާއިރު ވަނީ ރެކޯޑް މިންވަރަކަށް ދަށަށްގޮސްފަ އެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހު އެ ކުންފުނީގެ ފައިދާ ވަނީ 43 މިލިއަން ރުފިޔާ އިން ދަށަށް ގޮސްފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގައި އިންވެސްޓްކޮށްފައިވާ އެ ކުންފުންނީގެ އެއްލަކަ ހިއްސާދާރުންނަށް ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ފައިދާގެ ގޮތުގައި ފައިސާ ބަހާފައެއްނުވެ އެވެ. މި އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން އެ ކުންފުނީގެ ހިއްސާއަކަށް ވަނީ 1.21 ޑޮލަރު، (18.7ރ)ގެ ގެއްލުންވަނީވެފަ އެވެ. އެހެންކަމުން މިދިޔަ އަހަރުވެސް ނިންމާލަން ޖެހުނީ ހުސްއަތާ އެވެ.

އެ ކުންފުންޏަށް ފައިދާ ނުވި ސަބަބުތައް ބަޔާންކޮށްދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ، މުހަންމަދު މަތީން ވިދާޅުވެފައި ވަނީ އެ ކުންފުންޏަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ހާސިލްވީ މަދު މިންވަރެއް ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައި ވަނީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އެސެޓް ހެރެތެރެ ރަނގަޅަށް ހިނގައިނުގަތުމެވެ. އަދި އަލަށް ތައާރަފުވި ޓޫރިޒަމް ޓެކްސްތަކާއި ޓޫރިޒަމް ގާނޫނަށް އައި ބަދަލުތައް ވެސް ހިއްސާ ކުރާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

އެމްޓީޑީސީ 2006 ވަނަ އަހަރު އުފެދުނީ ރާއްޖޭގެ ތަފާތު ސަރަހައްދަކުން 15 ރިސޯޓެއް ތަރައްގީ ކުރުމުގެ މަގުސަދުގަ އެވެ.