ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިގެންވާ ކަމަށް ހައިކޯޓުން ކުރި ހުކުމް ނެކްސްބިޒް ލިމިޓެޑުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ ބޯޑާ ކޮންޓްރޯލްގެ މަޝްރޫއުގެ މަސައްކަތް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އެވެ.

ނެކްސްބިޒްގެ ވަކީލު އިސްމާއިލް ވިޝާމް މިއަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ ހައިކޯޓުން އެ މައްސަލަ ނިންމުމުގައި ގާނޫނީ މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ ކަމަށެވެ.

"އެ މައްސަލަ ބުދަ ދުވަހު އަޅުގަނޑުމެން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި،" ވިޝާމް ވިދާޅުވި އެވެ.

ބޯޑާ ކޮންޓްރޯލް މައްސަލައިގައި ހައިކޯޓުން ހުކުމް ކުރި އިރު އެ މަޝްރޫއުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިހާރު ވަނީ އެ މަޝްރޫއުގެ މަސައްކަތް ފަށާފަ އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކުރުމުގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ މުއައްސަސާއަކުން ކުރާ ކަމެއް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެން ނުވާކަމަށް ހުކުމް ކޮށްފަ އެވެ.