ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަންގެ ކުރީގެ ރައީސް ބަދުރުއް ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގޮނޑިއަށް ކުރިމަތިލި 14 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފި އެވެ.

ކޮމެޓީއަށް އެ މައްސަލަ ފޮނުވީ ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޖިލީހަށް ފޮނުއްވެވި ސިޓީއާ ގުޅިގެންނެވެ.

ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން އިއުލާން ކުރުމާ ގުޅިގެން މެންބަރު ކަމަށް ކުރިމަތިލެއްވި 14 ބޭފުޅުންނަކީ ޓީވީއެމްގެ ސީއީއޯ މ. ރަތްވިލާ، މުހައްމަދު އާސިފު (މޮންދު) އާއި ގ. ޑޭޒީ ފެހި މުހައްމަދު ހިލްމީ އާއި ހ. ރީނދޫކޮކާގެ އައިޝަތު ހުސައިން މަނިކާއި ނ. ފޮއްދޫ ހަރާރުމާގެ އިބްރާހިމް މުއާޒް އަލީ އާއި މއ. ޗަބޭލީބިއު އިޒްމީރާ ޝިހާމާއި މ. ފަލްކަންގެ މުހައްމަދު ނާސިހާއި މ. ކޮކާހަނދުވަރުގެ މަރިޔަމް ސައިދާ އިބްރާހިމާއި ހ. ސާވަން މައްލާ ޅަތުއްތު އާއި މ. ބީޗު ހެވަން އަލީ ނާސިހާއި ހއ. ދިއްދޫ މުހައްމަދު އަސްލަމް އާދިޔާ އާއި މ. އިގުލީމުގެ އައިޝަތު ފަސާހާއި ސ. ހިތަދޫ ފަރުދާ ބަގީޗާގެ އަހުމަދު ހަސަނާއި ދަފްތަރު ނަންބަރު ރސ6158 މުހައްމަދު އަހުމަދުގެ އިތުރުން ބަހާރީވިލާ ގދ. ރަތަފަންދޫ މިއުސަމް އައްބާސެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހޮވޭ ބޭފުލެއްގެ ޝަރުތުތައް ކަމަށް ބްރޯޑްކާސްޓިން ގާނޫނުގައި ކަނޑައަޅާފައި ވަނީ ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓު ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުމެވެ. އަދި ސިވިލް ސާވިސް ވަޒީފާއެއް ނުވަތަ ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ ވަޒީފާ އަދާ ކުރާ މީހަކު ކަމުގައި ނުވުމާ އެކު އުމުރުން 18 އަހަރުވެފައިވާ މީހަކު ކަމުގައިވާންޖެހެ އެވެ. އިސްލާމު ދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތެއް ކުރިކަން ވޭތުވެދި ފަސް އަހަރު ޝަރީއަތް ސާބިތުވެފައި ނުވާ މީހަކު ކަމުގައިވުމެވެ.