01 Oct 2012, 10:53
ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ ލަކޮރޫނިއާއާ އަތުން 5-1 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރޭގެ މޮޅާއެކު ރެއާލް ލީގުގެ ފަސް ހަ ވަނަ މަގާމަށް ކުރިއަށް ޖެހިލި އިރު، ރެއާލްއާ އެންމެ ވާދަވެރި ބާސެލޯނާ އޮތީ ލީގުގެ އެއްވަނާގައި 18 ޕޮއިންޓާއެކު އެވެ. ލީގުގެ ހަވަނާގައި ރެއާލް އޮތީ ލީގުގައި އެޓީމް ކުޅުނު ހަމެޗުން ލިބުނު 10 ޕޮއިންޓާ އެކު އެވެ. އަދި ރޭ ރެއާލް އަތުން ބަލިވި ޑިމޯޓިވޯ އޮތީ ލީގުގެ 15 ވަނާގައި ހަ ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޑިޕޯޓިވޯ އިނެވެ. އެ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ފޯވާޑް ރިކީ އެވެ.
ޑިޕޯޓިވޯ އިން ލަނޑެއް ޖަހާ މެޗުގެ ލީޑް ނެގިތާ ހަތް މިނެޓު ފަހުން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-1 އެއްވަރު ކޮށްފަ އެވެ. އެ ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ.
ރޭގެ މެޗުގެ ރެއާލްއިން ލީޑް ނެގި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެތީމަށް ކާމިޔާބު ކޮށްދިނީ ޑިމާރިއާ އެވެ. އަދި ރެއާލްގެ ތިން ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކޮށްދިން އިރު، އެ ޓީމްގެ ހަތަރު ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެޕޭ އެވެ. ރޭގެ މެޗުގައި ރޮނާލްޑޯގެ ހެޓްރިކް ހެދި ލަނޑު ފެނިގެން ދިޔައީ މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.
ލީގުގައި ރެއާލް ދެން ކުޅެން ޖެހޭނީ އަންނަ އަފްތާގެ އާއްދިއްތަ ދުވަހު ދުވަހު ބާސެލޯނާއާ އެވެ. އެ މެޗު އޮންނާނީ ބާސެލޯނާގެ ނޯ ކޭމްޕް ސްޓޭޑިއަމުގަ އެވެ.