ވެރިކަން ބަދަލުވިގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓްގައިވާ ކަންތައްތައް ދިރާސާ ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު ކޮމެޓީއަކަށް ކޯނީގެ ރިޕޯޓް ފޮނުވައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ގައުމީ ސަލާމަތުގެ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ)ގެ އިތުރުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ކޯނީގެ ރިޕޯޓް ފޮނުވާފައިވާ ކަމަށެވެ.

"ކޯނީ އިން އެކުލަވާލި ރިޕޯޓް އެ ކޮމިޝަނުން އަޅުގަނޑަށް ފޮނުވި. އެ ރިޕޯޓް ވާނީ ހަމަ އެ ދުވަހު ތިޔަ އިއްޒަތްތެރި މެންބަރުންނަށް ފޮނުވާފައި... ރިޕޯޓް ފޮނުވި ކޮމެޓީތަކުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ޔަގީން ކުރަން،" ޝާހިދު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓް ފޮނުވާފައިވާ ކޮމެޓީތަކުގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ އޮންނަނީ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމެޓީގަ އެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ކޮމެޓީތަކަށް ފޮނުވާފައިވާ އިރު، އެމްޑީޕީން ދަނީ އެ ރިޕޯޓްގައިވާ ތިން ކަމެއް ތަންފީޒު ކުރުމަށް ޑިމާންޑު ކުރަމުންނެވެ. އެއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި މަޖިލީހުގެ ހިންގުމަށް ބަދަލު ގެނައުމާއި "ސަލާމަތީ ބާރުތަކުން މިއަހަރުގެ ފެބްރުއަރީ 6، 7، 8،ގައި ހިންގި ގާނޫނާ ހިލާފު ކަންތައްތައް" ތަހުގީގު ކުރުމެވެ.

މަޖިލީހުގެ މަސައްކަތްތައް ހަލުވި ކުރަން ޖެހޭ ކަމަށް އިޝާރާތް ކުރައްވައި މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ޝާހިދު ވިދާޅުވީ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ކޮމެޓީތަކުގައި ހުރި ކަމަށާއި އެ މަސައްކަތްތައް އަވަސް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. ކޮމެޓީތަކުގެ މަސައްކަތް ހަލުވި ކުރުމަށް ޓަކައި މަޖިލީހުގެ ޗުއްޓީ ތެރޭގައި ބައެއް ކޮމެޓީތަކުގެ މަސައްކަތް ކުރިއަށް ގެންދަވާފައި ވާތީ ޝާހިދު ވަނީ އެ ކޮމެޓީތަކުގެ މުގައްރިރުންނަށް ޝުކުރު ދަންނަވާފަ އެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި މެންބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ ނ. ހޮޅުދޫ މޭނާ ކަލޭގެފާނު ދޮންމަނިކު އަވަހާރަވުމާ ގުޅިގެން އޭނާ ކުރެއްވި ހިދުމަތްތައް ފާހަގަކޮށް ޝާހިދު ވާހަކަފުޅު ދެއްކެވި އެވެ.

އޭނާ ވިދާޅުވީ މޭނާ ކަލޭގެފާނު ދޮންމަނިކަކީ އަށް ވަނަ ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.