ގދ. ތިނަދޫގެ ގޭގެ އިން ވައްކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ވައްކަމުގެ ތުހުމަތުގައި ރޭ ދަންވަރު އެ ރަށުން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ ގޭގެއިން ތަކުރާރުކޮށް ވައްކަން ކުރާތާ ހަފުތާއެއް ވެފައިވާ ކަމަށާއި އަދި އެކަންތައް ބޮޑުވެގެން ރަށުގެ ބަޔަކު ނުކުމެ ވައްކަން ކުރާ މީހުންނަށް ރޭ ފާރަލީ ކަމަށެވެ. އަދި ވަގުން އަތުލައިގަތީ ރޭ އެ ރަށު ގެއެއްގެ ބަދިގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅެނިކޮށް ކަަމަށް އެމީހާ ބުންޏެވެ.

އޭނާ ބުނީ އެތަނުން ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ކުޑަކުއްޖާ ވައްކަން ކުރި ކަމަށް އެއްބަސްވި ކަމަށް ވެސް އެވަގުތު އެތާ ހުރި މިހާ ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރީ ކުޑަކުއްޖަކު އެކަނި ކަމަށެވެ.