ސްޕެނިޝް ލަލީގާގައި ސެވިއްޔާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ސެވިއްޔާގެ ގޭރީ މެޑަލްއަށް ދެއްކި ރަތް ކާޑަކީ އޭނާ އަށް ހައްގު އެއްޗެއް ކަމަށް ބާސާގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ބުނެފި އެވެ.

ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ސެވިއްޔާ އާ ދެކޮޅަށް ބާސާ އިން މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުން މޮޅުވީ 3-2 ލަނޑުންނެވެ. މެޗުގެ 72 ވަނަ މިނެޓްގައި މެޑެލްގެ ބޮލުން ފެބްރިގާސްގެ މޫނުގައި ޖެހުމުން މެޑެލްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވެ އެވެ. ގިނަ ބަޔަކު ފާހަގަކުރަމުންދާ ގޮތުގައި މެޑެލްއަށް ރަތްކާޑު ދެއްކުމަކީ ރެފްރީ ނިންމި ގޯސް ނިންމުމެއް ކަމަށެވެ. އަދި ފެބްރިގާސް ޑައިވްކުރީކަމަށް ވެސް މީޑީޔާގައި ވާހަކަ ދެކެވެމުންދެ އެވެ.

ނަމަވެސް ފެބްރިގާސް ގަބޫލުކުރާގޮތުގައި ރެފްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. "މެޑެލްގެ ބޮލުން އަހަރެން މޫނުގައި ޖެހުނު. ފުޓްބޯޅާގައި ބަލާނީ ވެސް އެކަމަށް. އެކަމާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބޭނުމެއް ނެތް. ފުޓްބޯޅާގައި މިކަހަލަ ކަންތައްތަކަށް ރަތްކާޑު ދައްކަންޖެހޭނެ. އެއީ ރަނގަޅު ނިންމުމެއް." ފެބްރިގާސް ބުންޏެވެ.

މިހާރަކަށް އައިސް ބާސާގެ ބެންޗުގައި އިންނަން ޖެހިފައިވާ ފެބްރިގާސް ވަނީ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާއަށް ދެލަނޑު ކާމިޔާބުކޮށްދީފަ އެވެ. ސެވިއްޔާ އަތުން ބާސާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ވިޔާ އެވެ.