ޗެލްސީގެ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭސްއަށް އެއްވެސް އަރާމްކުރުމެއް ބޭނުންނުވާ ކަމަށް އޭނާ ބުނެފި އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ޓޮރޭސް ކާމިޔާބުކުރި ލަނޑަކީ އޭނާ މިސީޒަނުގައި އެކުލަބަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ. ޗެލްސީއިން މިސީޒަނުގައި ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިން ޓޮރޭސް ފެނިފައިވެ އެވެ.

ކުރީގެ ލިވަރޕޫލް ފޯވާޑް ބުނި ގޮތުގައި ގިނަ މެޗުތަކަށް ކުޅެން އޭނާ ބޭނުންވާ ކަމަށެވެ. މިދިޔަ ސީޒަނުގައި ވެސް އަހަރެން ގިނަ މެޗުތަކެއްގައި އާރަމުކުރިން. އެހެންކަމުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ޓީމެއްގައި މޮޅެތި ކުޅުންތެރިންތަކެއް ތިބި ނަމަ، އެކުޅުންތެރިން ބޭނުންކުރަން ޖެހޭނެ. އެކަމުގެ ސަބަބުން ގިނަ ލަނޑުތަކެއް ކާމިޔާބުކުރުމަށް މަގުފަހިވެގެންދާނެ." ޓޮރޭސް ބުންޏެވެ.

ލިވަރޕޫލް އިން ފަންސާސް މިލިޔަން ޕައުންޑަށް ޗެލްސީއާއި ގުޅުނު ޓޮރޭސްއަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. ނަމަވެސް މިސީޒަނުގައި ޓޮރޭޒް ދައްކަމުންދާ ކުޅުން ގިނަ ބަޔަކު ފާހަގަކޮށް ތަޢުރީފްކުރަމުންދެ އެވެ.