09 Sep 2026, 13:22
އެއްގަމު ދަތުރުފަތުރުގެ އައު ގާނޫނުގެ ދަށުން ރާއްޖޭގައި އުޅަނދެއް ބޭނުންކުރެވޭނީ އުފެއްދި ފަހުން 20 އަހަރު މުއްދަަތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ އުޅަނދުތައް ދައުލަތަށް ނަގާނީ އަގެއް ދިނުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އައު ގާނޫނާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ ގޮތަކަށް އަމަލުކޮށް، ރާއްޖެއަކީ އަމާން ގައުމަކަށް ހެދުން ކަމަށެވެ.
އެހެންވެ، ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގައި ވެސް އަމަލުކުރާނީ މެދުމިނުގެ ސިޔާސަތެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މާނައަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ރައްޔިތުންނަށް ވެސް މީގެ ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް އަދި ފައިނޭންޝަލީ ވެސް ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަކަށް ނަގާ މެދު މިންގަނޑެއް އަޅުގަނޑުމެން ނަގާނީ،" ސައީދު ވިދާޅުވިއެވެ.
އޭނާ ވަނީ، ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގެ ބާބު ތަންފީޒު ކުރުމުގެ ކުރިން، ތިން އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ގާނޫނުގައި ހިމަނައިފައިވާކަން ފާހަގަކުރައްވައިފައެވެ. އެއަށްފަހު ވެސް، 20 އަހަރަށްވުރެ ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
"ސަރުކާރު ނުވަތަ ސަރުކާރުން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިން އެ ވެހިކަލްއަށް އޭރު ދޭން ޖެހޭ އަގެއް ދީފައި އެ ނަގާނީ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 31ގައި ރައީސް ތަސްދީގު ކުރެއްވި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ވަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިސްނާ ކުރެވޭ ޚާއްޞަ ގިންތީގެ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނީ އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން 20 އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
އެ މުއްދަތު ހަމަވުމުން އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ގާނޫނުގައިވެއެވެ. އަދި އެ އުޅަނދުގެ ވެރިފަރާތުގެ ކިބައިން ގަތުމަށްޓަކައި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މިނިސްޓްރީއަށް ޕްރޮގްރާމެއް ހިންގިދާނެ ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވެއެވެ.
މީގެ އިތުރުން، އެ ޕްރޮގްރާމް ހިންގުމުގެ ބޭނުމަށްޓަކައި، އުޅަނދު އަގުކުރާނެ މިންގަނޑުތަކާއި އުޅަނދުގެ ވެރިފަރާތަށް ބަދަލު ނުވަތަ ފައިސާ ދޫކުރާނެ
އުސޫލުތަކާއި އަމިއްލަ ފަރާތްތަކުން އެ ޕްރޮގްރާމްގައި ބައިވެރިވާނެ ގޮތް ގަވައިދުގައި ހިމަނަން ވާނެ ކަމަށް ވެސް ގާނޫނުގައި ލިޔެފައިވެއެވެ.
މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަނޑައެޅުމަށް ޓަކައި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ދިރާސާއެއް ހަދައިފައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު އާންމުކުރި އެ ދިރާސާއިން ދެއްކި ގޮތުގައި، މި ސަރަހައްދުގައި ރެޖިސްޓްރީ ކޮށްގެން ދުއްވޭނެ ކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދަށްވުރެ އިތުރަށް 30،000 އުޅަނދު މާލޭ ސިޓީގައި މިހާރު ވެސް ދުއްވައެވެ.