މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ އެންމެ ފަހުގެ ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަންކަމަށްވާ ސްޕެއިން ގައުމީ ޓީމްކަމަށް ބްރެޒިލްގެ ކުރީގެ ތަރި ޕެލޭ ބުނެފި އެވެ.

"އަންނަ ވޯލްޑް ކަޕްގައި ސްޕެއިން ޓީމް ކުރަން އުޅޭ ކަންތައްތަކުގެ ވާހަކަ އަޑުއަހަންޖެހޭނެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމަކީ ސްޕެއިން ގައުމީ ޓީމް. ފަހަކަށް އައިސް އެ ޓީމުން ދަނީ ވަރުގަދަ ކުޅުމެއް ދައްކަމުން." ޕެލޭ ބުންޏެވެ.

ޕެލޭ އިތުރަށް ބުނި ގޮތުގައި، ޔޫރޯ 2008 އަށް ފަހު ސްޕެއިން ޓީމުން ދައްކަމުންދާ ކުޅުން ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށެވެ. "އެޓީމަކީ މޮޅު ޓީމެއްކަމަށް ބުނަމުން މިދަނީ ޔޫރޯ 2008 އަށްފަހު އެ ޓީމުން ދައްކަމުންދާ ކުޅުން ރަނގަޅަށް ބެލުމަށް ފަހު. އެ ޓީމްގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި." ޕެލޭ ބުންޏެވެ.

ފަހަކަށް އައިސް ސްޕެއިން ޓީމަކީ ދުނިޔޭގެ އެންމެ މޮޅު ޓީމްކަން އެމީހުން ސާބިތުކޮށްދީފައިވެ އެވެ. އެ ޓީމުން ވަނީ ޔޫރޯ 2008 އާއި، ވޯލްޑްކަޕް 2010 އަދި ޔޫރޯ 2012 ވެސް ކާމިޔާބުކޮށްފަ އެވެ.