01 Oct 2012, 09:19
ކެނެޑާއިން ދިވެހި ސަރުކާރާއި ދެކޮޅަށް ނެރުނު ބަޔާނާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ހީނަރު ކަމެއް އައުމަކީ ވަރަށް ކައިރި ކަމެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ،. މުހަންމަދު ވަހީދު ހަސަން މަނިކު ޗުއްޓީ އަށް ފަހު މާލެ ވަޑައިގެން އެ މައްސަލައިގައި ގޮތެއް ނިންމަވާނެ ކަމަށް އެ މަނިކުފާނުގެ އެޑްވައިޒަރު، އިބްރާހިމް ލުތިފީ (ސަންދާނު ލުތުފީ) ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީވީގަ ވާހަކަފުޅު ދައްކަވަމުން ލުތުފީ ވިދާޅުވީ ކެނެޑާ ފަދަ ބޮޑު ޤައުމަކުން އެފަދަ ބަޔާނެއް ރާއްޖެއާ ދެކޮޅަށް ނެރުމަކީ ވަރަށް ބިރު ހުރި ކަމެއް ކަމަށާއި، އެ ބަޔާން ދުނިޔޭގެ އެތައް ބޮޑެތި މީޑިއާތަކެއްގެ ފަލަ ސުރުޚީ އަށް އަރާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބަޔާނުގެ ސަބަބުން ރާއްޖެ އާ ދޭތެރޭ ބޭރު ދުނިޔޭގެ ތަސައްވަރު ވަރަށް ބޮޑަށް ބަދަލު ވެގެން ދާނެ ކަމަށެވެ.
"ކެނެޑާ ސަރުކާރުގެ ބަޔާނާއި ގުޅިގެން ރާއްޖޭގެ ތަސައްވުރު ބޭރު ދުނިޔޭގަ ވަރަށް ބޮޑަށް ބަދަލު ވެގެން ދާނެ، އަޅުގަނޑުމެންނަކީ ކުޑަ އަދި މީޑިއާގެ ވަސީލަތްތަށް މަދު ޤައުމެއް. ކެނެޑާ ފަދަ ބޮޑު އަދި މުއްސަނދި ޤައުމަކުން ކުޅޭ ގޮތަކަށް ނުކުޅެވޭނެ، އެހެން ވީމާ މި ކަމަކީ ވަރަށް ބޮޑަށް ރޭވިގެން ޤައުމަށް ގަސްތުގައި ގެއްލުން ދޭން ކޮށްފަވާ ކަމެއް. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ކެނެޑާ ސަރުކާރުން ވެސް މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނަވައި މި ބަޔާނާ ދެކޮޅަށް އެ ޤައުމުން ބަޔާނެއް ނެރުއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން،" ލުތުފީ ވިދާޅުވި އެވެ.
ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނަގާފައި ވަނީ ޝަރުތުތަކާ އެކުކަމަށް އެމްޑީޕީން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ލުތުފީ ވިދާޅުވީ ސީމެގުން ރާއްޖެ ނެގީ އެއްވެސް ޝަރުތުތެއް ކުރިމަތި ކުރުވާފައި ނޫން ކަމަށާއި ސީމެގުން ނެރެފައިވާ ބަޔާނަކީ ވަރަށް ރަނގަޅު ބަޔާނެއް ކަމަށެވެ.
"ސީމެގުން ރާއްޖެ ނެގީ އެއްވެސް ޝަރުތެއް ކުރިމަތި ކުރުވާފައެއް ނޫން. ސީމެގްގެ ބަޔާނުގައި އޮތީ ވަރަށް ރަނގަޅު ކަންތައް ތަކެއް، އޭގައި އޮތީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާ ކޮށް ދިނުމަށް އެހީތެރިވެ ދިނުމާއި، ދިވެހިރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރުމަށް އެހީތެރިވެ ދިނުމާއި އެކަހަލަ ކަންތައް ތަކެއް އޮތީ، އޭގެ މާނަ އަކީ ރާއްޖޭގެ ދާޚިލީ ކަންތައް ތަކަށް އެ ބޭފުޅޫން ވަންނަވާ ވާހަކަ އެއްނޫން. އަޅުގަނޑުމެން ބައިވެރިވެފައިވާ ޖަމާއަތަކަށް ވާތީ އެ ޖަމާއަތުން އަޅުގަނޑު މެންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ހިނގައި ދިޔަ ހަލަބޮލި ކަންތައްތައް ހައްލުކޮށް ރާއްޖޭގެ މުސްތަޤުބަލް އުޖާލާކޮށް މި ރަނގަޅު ޑިމޮކްރެޓިކް ވެއްޓެއް ޤާއިމު ކޮށްދިނުމަށް އެހީތެރިވެ ދިނުމުގެ ގޮތުން އަޅުގަނޑުމެންނަށް ކޮށްދޭން ބުނެފައި ހުރި ކަންތައްތަކެއް އެ ބަޔާނުގަ އޮތީ،" ލުތުފީ ވިދާޅު ވެއެވެ.
އޭނާ ވިދާޅުވީ އެ ބަޔާނަކީ ރާއްޖެ އަށް އަދަބެއް ދިނުމަށް ނުވަތަ އަދަބެއްގެ ތެރޭގައި ބޭއްވުމަށް ބުނެފައިވާ ވާހަކަތަކެއް ނޫން ކަމަށާއި އެ ބަޔާނާ މެދު ސަރުކާރުން ވެސް އަދި ރައްޔިތުން ވެސް ބިރު ގަންނަން ނުޖެހޭ ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސޯދަށް ވެސް އަދި ރާއްޖެ އަށް އަންނަން އޮތް އިންވެސްޓްމަންޓްތަކަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއަޑް ރާއްޖެ އާއި ދެކޮޅަށް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ދަތުރުފުޅު ކުރެެއްވުން މަނާކުރި ކަމުގެ ރިޕޯޓް މި މަހުގެ 25 ވަނަ ދުވަހު ލިބުމުން ކެނެޑާ އިން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. އަދި އެ ބަޔާނުގައި ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ އިތުރު 19 މީހަކާ މެދު ބޭއިންސާފުން ކަންތައްތައް ކުރާ މައްސަލަ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ ހިސާބަށް ގެންގޮސްފައި ވާނެ ކަމަށާއި ޑިމޮކްރަސީގެ އަގުތައް ރާއްޖޭގައި ނެތެމުން ދާތީ ކެނެޑާ އިން އެކަމާ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން ވެސް އެ ބަޔާނުގަ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.