ޑާކާ (އޮކްޓޯބަރ 1): ބަންގްލަދޭޝްގެ ބައިމަދު ބުޑިސްޓުންގެ މީހަކު ކީރިތި ޤުރްއާނަށް ފުރައްސާރަކޮށް ޖޯކުޖަހާފައިވާ ކުރެހުމެއް ފޭސްބުކްގައި ޝާއިޢުކުރުމުން އެކަމާދެކޮޅަށް ބަންގްލަދޭޝްގައި އިއްޔެ ކުރި އިޙްތިޖާޖްތަކެއްގައި ބުޑިސްޓުންގެ ހަތަރު ފައްޅިއެއް އަންދާލައިފި އެވެ.

ބަންގްލަދޭޝްގެ މަސްއޫލުވެރިން ވިދާޅުވި ގޮތުން އެ ޙާދިސާތައް ހިނގާފައި ވަނި އެ ޤައުމުގެ އިރުދެކުނުގެ ވިލެޖް ސަރަޙައްދުތަކުގަ އެވެ. ބުޑިސްޓުން ނާދެކޮޅަށް ކުރި މިއިޙްތިޖާޖްތަކުގައި އެތައް ސަތޭކަ މުސްލިމުން ބައިވެރިވި ކަމަށާއި މިއިޙްތިޖާޖްތަކުގައި ބުޑިސްޓުންގެ ފަސް ފައްޅި އާއި ބައެއް ގެތައް ވެސް އަންދާލާފައިވާ ކަމަށް ބަންގްލަދޭޝްގެ މަސްއޫލުވެރިން ކަށަވަރުކޮށްދެއްވި އެވެ. ބަންގްލަދޭޝްގެ ފުލުހުންގެ އިނިސްޕެކްޓަރަކު ހާމަކުރެއްވި ގޮތުގައި މިއިޙްތިޖާޖްތައް މިހާރު ވަނީ ބާރުގެ ބޭނުންކޮށްގެން ހުއްޓުވާފަ އެވެ. އިޙްތިޖާޖްތައްހުއްޓުވަން ޖެހުނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ ބުޑިސްޓުން އަޅުކަންކުރާ ތަންތަނަށާއި އެ މީހުންގެ ގެދޮރަށް ގެއްލުންދޭން ފެށުމުން ކަމަށް ބަންގްލަދޭޝްގެ ފުލުހުންގެ އިނިސްޕެކްޓަރު ސާލިމް މުޙައްމަދު ޖަހާންގީރު ވިދާޅުވި އެވެ. ކީރިތި ޤުރްއާނަށް ފުރައްސާރަކޮށް ޖޯކުޖަހާފައިވާ ކުރެހުން ފޭސްބުކްގައި ޝާއިޢުކުރި ކަމަށް ތުހުމަތުކުރެވެނީ ބަންގްލަދޭޝްގެ ބައިމަދު ބުޑިސްޓުންގެ ޒުވާނެއްގެ މައްޗަށެވެ. ފުލުހުން މިހާރު ވަނީ މިޒުވާނާ އާއި އޭނާގެ މަންމަ ހައްޔަރުކޮށްފަ އެވެ.

ބަންގްލަދޭޝްގެ އިސްލާމީ ކައުންސިލުން ވަނީ އެ ޤައުމުގެ މުސްލިމުންގެ ބަޔަކު ބުޑިސްޓުންގެ ފައްޅިތައް އަންދައި ބުޑިސްޓުންނަށް ގަސްދުގައި ޙަމަލާދިނުމަކީ އިސްލާމީ އަޚްލާޤް ނޫންކަމަށް ސިފަކޮށްފަ އެވެ. ހަރުކަށިވުމަކީ އިސްލާމް ދީނާގުޅުން ހުރިކަމެއް ނޫން ކަމަށާއި މައިތިރިވުމަށް އެކައުންސިލުން ބަންގްލަދޭޝްގެ މުސްލިމުންނަށް ގޮވާލި އެވެ.
މުސްލިމުންނަށް ދެވޭ ޙަމަލާތަކަށް ރައްދުދޭންޖެހޭނީ އިސްލާމީ ތަޢުލީމާ އެއްގޮތަށް ސުލްޙަވެރިކަމާއެކުގައި ކަމަށާއި ޣައިރު މުސްލިމުންނަށް ވެސް ޤާނޫނީ އިމުންބޭރުގައި ގޯނާކުރެވިގެން ނުވާނެ ކަމަށް އެކައުންސިލުން ނެރުނު ބަޔާނެއް ބުނެ އެވެ.
ކީރިތި ރަސޫލާއަށް އިހާނާތްކޮށް އެމެރިކާގައި ދާދިފަހުން ކުޅުނު ފިލްމާ ދެކޮޅަށް ވެސް ބަންގްލަދޭޝްގައި ވަނީ ވަރަށް ވަރުގަދައަށް މުޒާހަރާތައްކޮށް އިޙްތިޖާޖްތައް ހިންގާފަ އެވެ. މިމައްސަލާގައި ބަންގްލަދޭޝްގެ މުސްލިމުން އައިސްފައިވާ ރުޅި އަދިވެސް މަތަނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)