ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު އަހުލީ ހަނގުރާމައިގާ އެ ޤައުމުގެ ކުޑަކުދިން ޢަސްކަރީ ޙަަމަލާތަކުގަ އާއި ޖިސްމާނީ އަނިޔާތަކުގައި ޑަޒަން ޑަޒަނަށް މަރުވަމުންދާ ކަމަށް ކުޑަކުދިންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރަން" އިން ބުނެފި އެވެ.

ސޫރިޔާގެ ކުޑަކުދިން ޙިމާޔަތް ކުރުމަށާއި އެ ކުދިންނަށް ކާބޯތަކެއްޗާއި ބޭހާއި ރައްކާތެރިކަން ހޯދުމަށް "ސޭވް ދަ ޗިލްޑްރަން" އިން ކުރަމުން ގެންދާ މަސައްކަތްތަކަށް ބައްލަވާލައްވަމުން އެ ޖަމްޢިއްޔާގެ ޗީފް އެގްޒެކެޓިވް ޖަސްޓިން ފޯސިޓް ވިދާޅުވެފައި ވަނީ ސޫރިޔާގެ ކުޑަކުދިންގެ ހައްޤުގައި ހިންގަމުން ގެންދަނީ ކަރުނައަަޅާލަން ޖެހޭވަރުގެ ބޮޑުއަނިޔާތަކެއްކަމުގަ އެވެ. އަދި އާދައިގެ އިންސާނަކަށް ބަލަން ކެތްނުވާވަރުގެ ރަޙްމުކުޑަ ޢަމަލުތައް ސޫރިޔާގެ ކުޑަކުދިންނާ މެދު ހިންގަމުން ގެންދާކަމަށް ވެސް ޖަސްޓިން ވިދާޅުވި އެވެ.

ލަންޑަންގައި ނުކުން "ދަ ގާޑިޔަން" ނޫހުގައި ސޫރިޔާގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ މުސީބާތްތަކަށް އަލިއަޅުވާލައްވައި ޖަސްޓިން ލިޔުއްވާފައިވާ މަޒްމޫނެއްގައި ވިދާޅުވެފައި ވަނީ ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ދެފަރާތުން ވެސް ކުޑަކުދިންނަށް ރަޙްމު ނުކުރާ ކަމަށާ ދެފަރާތުން ވެސް ކުޑަކުދިންނަށް ޙަމަލާދީ ކުޑަކުދިން މަރަމުން ގެންދާކަމުގަ އެވެ. އެހެންނަމަވެސް ޖަސްޓިން ލިޔުއްވާފައިވާ ގޮތުގައި ސޫރިޔާގެ ކުޑަކުދިންނަށް އެންމެ ބޮޑަށް އަނިޔާކުރަނީ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިންނާއި ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ހަތިޔާރުއެޅި ގްރޫޕް ކަމަށްވާ ޝައްބީޙާ މިލީޝިޔާ އިންނެވެ.

މިފަރާތްތަކުން ސޫރިޔާ ސަރުކާރާ އިދިކޮޅު ޢާއިލާތަކުގެ ކުޑަކުދިންނަށް ގަސްދުގައި ޙަމަލާދިނުމުގެ އިތުރުން ހަނގުރާމައިގާ ހައްޔަރުކުރެވޭ ކުޑަކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް ކާބޯތަކެއްޗާއި ބޭސް ފަރުވާއިން މަޙްރޫމްކޮށް އެތައްހާސް ކުޑަކުދިންނެއް ބަލިމަޑުކަމާއި ހައިހޫނުކަމުގައި މަރުވާން ދޫކޮށްލާފައިވާ ކަމަށް ޖަސްޓިން ލިޔުއްވާފައިވެ އެވެ.

"ސޭވް ދަ ޗިލްޑްރަން" އިން ސޫރިޔާގައި ހިންގަމުން ގެންދާ ޙަރަކާތްތަކަށް ބައްލަވާލައްވަމުން ޖަސްޓިން ވިދާޅުވީ އެ ޖަމާއަތުން މަސައްކަތްކުރަނީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ކުޑަކުދިން ސޫރިޔާއިން ބޭރުކޮށް ތުރުކީއާއި އުރުދުންއާއި ޢިރާޤު ފަދަ ސޫރިޔާގެ އަވައްޓެރި ޤައުމުތަކުގައި އެކުދިންނަށް ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމަށެވެ. ނަމަވެސް ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ކުޑަކުދިންގެ ޢަދަދު ގިނަކަމުން މިހުރިހާ ކުޑަކުދިން ސޫރިޔާއިން ބޭރުކޮށް އެކުދިންނަށް ޙިމާޔަތާއި އިންސާނީ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގެ މާލީ ޤާބިލްކަން އެޖަމާއަތަށް ލިބިފައިނުވާ ކަމަށްވެސް ޖަސްޓިން ވިދާޅުވި އެވެ.

ޖަސްޓިން ލިޔުއްވާފައިވާ ގޮތުގައި މަރާލެވިފައިވާ އެތައް ސަތޭކަ ކުޑަކުދިންގެ ހަށިތަކުގެ އެކު ގުނަވަންތައް ވަކިިވަކިން ސޫރިޔާގެ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން ފެނުމަކީ ވަރަށް އާންމުކަމެއް ކަމަށާ މިއީ އިންސާނީ އެންމެބޮޑެތި ޖަރީމާތައް ކަމުގައެވެ. ޢަސްކަރީ ޙަަމަލާތަކުގަ އާއި ޖިސްމާނީ އަނިޔާތަކުގައި ސޫރިޔާގެ ކުޑަކުދިން ޑަޒަން ޑަޒަނަށް މަރުވަމުންދިޔުމުގެ އިތުރުން ހަނގުރާމައިގާ ޙާލުގައި ޖެހިފައިވާ ކުޑަކުދިން ތަޢްލީމާއި ތަރްބިއްޔަތުގެ ފުރްސަތުން ވެސް މަޙްރޫމް ވެފައިވާ ކަމަށާ މީގެއިތުރުން ސޫރިޔާގެ ކުޑަކުދިންގެ ގިނަ ބަޔަކުވަނީ ހަނގުރާމައިގެ ބިރުވެރިކަމުގެ ސަބަބުން ނަފްސާނީ ގޮތުން މުޅިން ހަލާކުވެފައި ކަމަށް ވެސް ޖަސްޓިން އޭނާގެ މަޒްމޫނުގައި ވިދާޅުވެފައިވެ އެވެ. (ދަގާޑިޔަން)