01 Oct 2012, 00:44
ފުލުހުންގެ މުއައްސަސާއާ މެދު ރުޅިވެރިކަން އުފެދޭގޮތަށް ދޮގު ހަބަރުތަށް ފަތުރާ ކަމަށް ބުނެ ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލި ރާއްޖެ ޓީވީއަށް އެއްބާރުލުން ދޭން ފުލުހުން ނިންމައިފި އެވެ.
ފުލުހުން މިރޭ ބުނީ ރާއްޖެ ޓީވީއަށް އެއްބާރުލުން ދޭން ނިންމީ ފާއިތުވި ދުވަސްތަކުގައި ރާއްޖެ ޓީވީން ފުލުހުންނާއި ގުޅޭގޮތުން ގެނެސްދިން ޚަބަރާއި މަޢުލޫމާތުތައް ގެނެސްދިނުމުގައި ކުރިއާ ޚިލާފަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމުގެ އުޞޫލުތަކާއި ހަމަތައް އެ ސްޓޭޝަނުން ހިފަހައްޓަމުން އަންނަ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"ދިވެހި ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާގޮތަށް ޙަޤީޤަތެއްނެތް ދޮގު ވާހަކަތައް ޓެލެކާސްޓްކޮށް، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި، ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދޭފަދަ ގޮތަށް ޚަބަރާއި މަޢުލޫމާތު ޢާއްމުކޮށް، ފުލުހުންގެ ތަޞައްވުރަށް އުނިކަން ލިބޭފަދަ މަޢުލޫމާތާއި މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ދައްކައި، އަޑު ގެނެސްދެމުންދާތީ ރާއްޖެ ޓީވީއަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ދިނުން 24 ޖުލައި 2012 ވަނަ ދުވަހު ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިއަދުން ފެށިގެން ރާއްޖެ ޓީވީ އަށް ފުލުހުންގެ މުއައްސަސާއިން އެއްބާރުލުންދޭން ނިންމައިފި އެވެ،" އެ މައްސަލައިގައި ފުލުހުން މިރޭ އާންމުކުރި ބަޔާނުގައިވެ އެވެ.
ރާއްޖެ ޓީވީއަށް އެއްބާރުލުން ދިނުން މުއްދަތެއް ނެތްގޮތަށް ފުލުހުން ހުއްޓާލީ ކ. ކާށިދޫގައި މަރާލި ފުލުސް މީހާގެ ހާދިސާއަށް ފަހު އެވެ. މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ބާއްވާ ޕްރެސްކޮންފަރެންސް ތަކާއި އެކި އިވެންޓްތަކަށް އެ ޓީވީއަށް ފުލުހުން ދައުވަތު ދީފައި ނުވާއިރު މުޒާހަރާގައި ފުލުހުންގެ ކޯޑަންގެ ތެރޭގައި އެ ސްޓޭޝަންގެ ނޫސްވެރިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތުދީފައެއްނުވެ އެވެ.
ރާއްޖެޓީވީގެ މައްސަލަ ގޯސްވެ އެ ސްޓޭޝަނުން ވަނީ އެ މައްސަލައިގައި ފުލުހުންގެ މައްޗަށް ސިވިލްކޯޓުގައި ދައުވާވެސް އުފުލައިފަ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާވަނީ ކޯޓުގައި ޝެޑިއުލްވެސް ކޮށްފަ އެވެ. އަދި މޯލްޑިވްސް މިޑިޔާ ކައުންސިލް ވެސް ވަނީ ފުލުހުންނާއި ރާއްޖެޓީވީ ސުލްހަކުރުމަށް މެދުވެރިއެއްގެ ދައުރުއަދާ ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ރާއްޖެޓީވީން އެކަމުގައި އެއްބާރުލުން ނުދިނުމުން އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.
ފުލުހުން ބުނެފައިވަނީ ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމަށް ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ލިބިދީފައިވާ މިނިވަންކަން އަނެކުންގެ ކަރާމަތާއި ޢިއްޒަތަށް އުނިކަމެއް ނުލިބޭނެގޮތަށް ބޭނުންކޮށް ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ނޯޅޭނެފަދަ ގޮތަށް ގެނެސްދިނުމަށް ހުރިހާ މީޑީއާތަކުންވެސް މަސައްކަތް ކުރުމަށް ފުލުހުން އެދޭކަމެކެވެ.
"އެފަދަ ފަރާތްތަކަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ފުރިހަމަ އެހީތެެރިކަމާއި އެއްބާރުލުން ދެމުންގެންދާނެކަންވެސް މިފުރުޞަތުގައި ދަންނަވަމެވެ."