01 Oct 2012, 00:38
ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓަށް ވާދަ ކުރާ ލިސްޓުގެ އެންމެ ކުރިއަށް ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) ޖެހިލައިފި އެވެ.
ކުރިން އެއްވަނާގައި ހުރި ވިކްޓަރީގެ މުހައްމަދު އުމޭރު އެމަގާމުން ވެއްޓުނީ ދިރާގު ދިވެހި ލީގުގައި ރޭ އޭވައިއެލްކޮޅަށް ދަގަނޑޭ ފަސް ލަނޑު ޖެހުމުންނެވެ. މި މެޗުން ނިއު މޮޅުވީ 5-1 އިންނެވެ. އޭވައިއެލްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ޝައުޔާ އެވެ.
ރޭ ދަގަނޑޭ ޖެހި ފަސް ލަނޑާއެކު ސީޒަނުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 22 އަށް އަރައިފަ އެވެ. ފާއިތުވެދިޔަ ދެ އަހަރު ވެސް އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދީ އޭނާ އެވެ. ދަގަނޑޭ ގެ ފަހަތުން ދެ ވަނާގައިވާ އުމޭރު ޖަހާފައިވަނީ 19 ލަނޑެވެ. އަދި ވީބީގެ ސިއަރަލިއޯނުގެ ފޯވަޑް އަބޫ ޑެސްމަންޑް މަންސާރީ ވަނީ 18 ލަނޑު ޖަހައިފަ އެވެ. މި ލިސްޓުގެ ހަތަރަކާއި ފަސް ވަނާގައި ވަނީ މާޒިޔާގެ ދެ ފޯވަޑުން ކަމަށްވާ އަސަދުﷲ އަބުދުﷲ އާއި އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އަސަދުﷲ 17 ގޯލު ޖަހާފައިވާއިރު އައްމަޑޭ ޖަހާފައިވަނީ 13 ލަނޑެވެ.