ލ. ދަނބިދޫގައި ނަހަލާލަށް ވިހާފައި ކުއްޖާ މަރާލި ކަމަށް ފުލުހުން ބުނާ އަންހެންކުއްޖާގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ކުޑަކުދިންގެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.


މި މައްސަލަ ކޯޓަށް ފޮނުވީ އޮކްޓޫބަރު 30، 2006 ގަ އެވެ. މި މައްސަލަ ހިނގި އިރު ވެސް ކޯޓަށް ފޮނުވުނު އިރު ވެސް އެއީ 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކެވެ.


ދެ ހާސް ހަ ވަނަ އަހަރު ދަނބިދޫ އަންހެން ކުއްޖާ ނަހަލާލަށް ވިހެއުމަށް ފަހު، ދަރިފުޅު މަރާލި ކަމަށް ބުނެ ފުލުހުން ތަހުގީގު ކުރުމުން، ދައުލަތުން ދައުވާ ކުރީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ތުހުމަތުގަ އެވެ.


މި މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު ކުޑަކުދިންގެ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސައިން ޒަކަރިއްޔާ މިއަދު ހެނދުނު އިއްވެވި ހުކުމުގައި ވިދާޅުވެފައި ވަނީ ދައުލަތުން ދައުވާ ކޮށްފައި ވަނީ ދަނބިދޫ އަންހެން ކުއްޖާ ވިހެއުމަށް ފަހު ދަރިފުޅު ދިރިއޮއްވައި މަހާ އެކު މޫނު ވަތަށް ފެން ބާލިދީއަކަށް ގަންބާ މަރާލުމަށް ފަހު، ކޮތަޅަކަށްލައި މޫދަށް އެއްލައިލި ކަމަށް ބުނެ ކަމަށެވެ.


އިސް ގާޒީގެ ހުކުމުގައި ބުނަނީ ދަނބިދޫ އަންހެން ކުއްޖާ މި ދައުވާއަށް އިންކާރު ކުރާ ކަމަށާއި މައްސަލަ ޝަރީއަތުން ބެލިއިރު ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ތިން ބަޔާނެއް ހުށަހަޅާފައިވާ ކަމަށެވެ.


އޭގެ ތެރެއިން 15 ސެޕްޓެމްބަރު 2006 ގައި ނަގާފައިވާ ބަޔާނަކީ އެ ކުއްޖާ އަމިއްލަ އިހުތިޔާރުގައި ދިން ބަޔާނެއްކަން ސާބިތު ކުރުމަށް މައްސަލަ ތަހުގީގު ކުރި ސާޖެންޓް އަކްރަމް އަބްދުލްވައްހާބާއި އެ ތަހުގީގު އަޑު އެހި ސާޖަންޓް އާމިނަތު ރަޝީދާ އާއި ކޮންސްޓަބަލް ސޯލިހު މުހައްމަދުގެ ހެކި ބަހުގައި އެއީ އެ ކުއްޖާ އަމިއްލަ އިހުތިޔާރުގައި ދިން ބަޔާނެއް ކަމަށް ބުނި ނަމަވެސް 26 ޖުލައި 2006 އެ ކުއްޖާ ތަހުގީގަށް ދީފައިވާ ބަޔާނާއި 18 ޖުލައި 2006 ގައި ދީފައިވާ ބަޔާނާ އެކު ތިން ބަޔާނަށް ޝަރީއަތުން ބެލިއިރު ބޮޑެތި ފުށު އެރުންތަކެއް ޝަރީއަތަށް ފާހަގަ ކުރެވޭ ކަމަށެވެ.


ދަނބިދޫގައި 2006 ވަނަ އަހަރު މި ހާދިސާ ހިނގި އިރު ވެސް އަދި މައްސަލަ ތަހުގީގު ކުރެވުނު އިރު ވެސް  އަންހެން ކުއްޖާއަކީ 18 އަހަރުނުވާ ކުޑަ ކުއްޖަކަށްވެފައި ނެގިފައިވާ ތަހުގީގު ބަޔާންތައް އެއް ބަޔާން އަނެއް ބަޔާނާ ފުށު އަރާފައިވުމުން ތަހުގީގަށް ބަޔާންދީފައި ވަނީ އެ ކުއްޖާގެ ފުރިހަމަ އިހުތިޔާރުގައި ކަމާ މެދު ޝަރީއަތަށް ޝައްކު އުފެދޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.


ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބުނާ "ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ، ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތަކަކީ ހެއްކެއް ކަމުގައެއް ނުބެލެވޭނެ" ކަމުގައި ބަޔާންކޮށްފައި އޮތުމުން ދަނބިދޫ ކުއްޖާ، ފުލުހުންނަށް ދީފައިވާ ބަޔާނުގައިވާ އިއުތިރާފަކީ "މި މައްސަލަ އޭގެ މައްޗަށް ބުރަވެ ސާބިތު ކުރެވޭނެ ހެއްކެއް ކަމުގައި ނެބެލެވޭނެ" ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.


ހުކުމްގައިވާ ގޮތުން ދަނބިދޫ އަންހެން ކުއްޖާގެ މައްޗަށް ދައުލަތުން ހުށަހެޅި، ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި، ގަސްދުގައި ކުއްޖަކު މަރާލިކަން ދައުލަށް ސާބިތު ކޮށްދެވިފައެއް ނުވެ އެވެ.