ފުލުހުންގެ މުއައްސަސާއާ މެދު ރުޅިވެރިކަން އުފެދޭ ގޮތަށް ދޮގު ހަބަރުތައް ފަތުރާ ކަމަށް ބުނެ ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލި ރާއްޖެ ޓީވީ އަށް އެއްބާރުލުން ދޭން ފުލުހުން ނިންމައިފި އެވެ.

ފުލުހުން މިރޭ ބުނީ ރާއްޖެ ޓީވީ އަށް އެއްބާރުލުން ދޭން ނިންމީ ފާއިތުވި ދުވަސްތަކުގައި ރާއްޖެ ޓީވީން ފުލުހުންނާ ގުޅޭ ގޮތުން ގެނެސްދިން ޚަބަރާއި މަޢުލޫމާތުތައް ގެނެސްދިނުމުގައި ކުރިއާ ޚިލާފަށް ހެޔޮ ބަދަލުތަކެއް ގެނެސް، ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމުގެ އުޞޫލުތަކާއި ހަމަތައް އެ ސްޓޭޝަނުން ހިފަހައްޓަމުން އަންނަ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ދިވެހި ފުލުހުންނަށާއި ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ގޮތަށް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ޓެލެކާސްޓްކޮށް، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅި، ފުލުހުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދޭ ފަދަ ގޮތަށް ޚަބަރާއި މަޢުލޫމާތު ޢާއްމުކޮށް، ފުލުހުންގެ ތަޞައްވުރަށް އުނިކަން ލިބޭ ފަދަ މަޢުލޫމާތާއި މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ދައްކައި، އަޑު ގެނެސްދެމުންދާތީ ރާއްޖެ ޓީވީ އަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އެއްބާރުލުން ދިނުން 24 ޖުލައި 2012 ވަނަ ދުވަހު ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިއަދުން ފެށިގެން ރާއްޖެ ޓީވީ އަށް ފުލުހުންގެ މުއައްސަސާ އިން އެއްބާރުލުންދޭން ނިންމައިފި އެވެ،" އެ މައްސަލައިގައި ފުލުހުން މިރޭ އާންމުކުރި ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީ އަށް އެއްބާރުލުން ދިނުން މުއްދަތެއް ނެތްގޮތަށް ފުލުހުން ހުއްޓާލީ ކ. ކާށިދޫގައި މަރާލި ފުލުސް މީހާގެ ހާދިސާއަށް ފަހު އެވެ. މިވީ ތިން މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ބާއްވާ ޕްރެސްކޮންފަރެންސްތަކާއި އެކި އިވެންޓްތަކަށް އެ ޓީވީއަށް ފުލުހުން ދައުވަތު ދީފައި ނުވާއިރު މުޒާހަރާގައި ފުލުހުންގެ ކޯޑަންގެ ތެރޭގައި އެ ސްޓޭޝަންގެ ނޫސްވެރިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތުދީފައެއްނުވެ އެވެ.

ރާއްޖެ ޓީވީގެ މައްސަލަ ގޯސްވެ އެ ސްޓޭޝަނުން ވަނީ އެ މައްސަލައިގައި ފުލުހުންގެ މައްޗަށް ސިވިލްކޯޓުގައި ދައުވާވެސް އުފުލައިފަ އެވެ. އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ވަނީ ކޯޓުގައި ޝެޑިއުލްވެސް ކޮށްފަ އެވެ. އަދި މޯލްޑިވްސް މިޑިޔާ ކައުންސިލް ވެސް ވަނީ ފުލުހުންނާއި ރާއްޖެ ޓީވީ ސުލްހަކުރުމަށް މެދުވެރިއެއްގެ ދައުރުއަދާ ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ރާއްޖެ ޓީވީން އެކަމުގައި އެއްބާރުލުން ނުދިނުމުން އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ.

ފުލުހުން ބުނެފައި ވަނީ ޚަބަރު ފެތުރުމާއި މަޢުލޫމާތު ފެތުރުމަށް ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ލިބިދީފައިވާ މިނިވަންކަން އަނެކުންގެ ކަރާމަތާއި ޢިއްޒަތަށް އުނިކަމެއް ނުލިބޭނެ ގޮތަށް ބޭނުންކޮށް ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ނޯޅޭނެ ފަދަ ގޮތަށް ގެނެސްދިނުމަށް ހުރިހާ މީޑީއާތަކުން ވެސް މަސައްކަތް ކުރުމަށް ފުލުހުން އެދޭކަމެކެވެ.

"އެފަދަ ފަރާތްތަކަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ފުރިހަމަ އެހީތެެރިކަމާއި އެއްބާރުލުން ދެމުންގެންދާނެކަން ވެސް މިފުރުޞަތުގައި ދަންނަވަމެވެ."