30 Sep 2012, 22:41
އީގަލްސް 6-3 އިން ބަލިކޮށް މި އަހަރުގެ ގަދަ ހަތަރު ޓީމު ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފަހު ޖާގަ ވީބީ މިއަދު ކަށަވަރުކޮށްފި އެވެ.
މެޗު ފެށި އިރު ވެސް ހަތަރު ޕޮއިންޓުން އީގަލްސް އަށްވުރެ ކުރީގައި އޮތް ވީބީން ވަނީ ފުރަތަމަ ހާފުގައި އީގަލްސް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ވެސް ޖެހީ ސިއަރަލިއޯނުގެ ފޯވަޑް އަބޫޑެސްމަންޑް މަންސާރީ އެވެ. އޭނާގެ މި ދެ ލަނޑުގެ ކުރިން އީގަލްސްއިން ވަނީ ރަނގަޅު ދެ ޝޮޓް ވީބީގެ ކީޕަރު އަބުދުﷲ ޒިޔަޒަން ދިފާއުކުރި އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސް އަށް ފަރަގު ކުޑަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އައްސަދު އަބުދުލްގަނީ އެވެ.
ދެ ވަނަ ހާފުގައި އަބޫ އިތުރު ދެ ލަނޑު ޖެހިއިރު ވީބީގެ އަލީ ނާފިއު (ކަޅޭ) އާއި ބަދަލު ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ގޯލު ޖެހި އެވެ. އަދި އީގަލްސްގެ އަނެއް ދެ ލަނޑު މިހާފުގައި ޖެހީ ބަދަލު ކުޅުންތެރިޔާ ހުސައިން އާތިފް (ޕެލޭ) އެވެ.
މި މެޗުން މޮޅުވުމުން އީގަލްސް އާއީ ވީބީއާ ދެމެދު އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށް ފުޅާވެފަ އެވެ. ވީބީ އަށް 25 ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އޮތީ 18 ޕޮއިންޓާއެކުގެ އެވެ. ދެ މެޗު ބާކީ އޮއްވައި ލީގު ޗެމްޕިއަންކަން 43 ޕޮއިންޓާއެކު ހޯދި ނިއު އާއި ދެ ވަނާގައި 35 ޕޮއިންޓާއެކު އޮތް މާޒިޔާ އާއި ވީބީގެ އިތުރުން ޕްރެޒިޑެންޓްސް ކަޕުގައި ދެން ކުޅޭނީ ލީގުގެ ތިންވަނާގައި 31 ޕޮއިންޓާއެކު އޮތް ވިކްޓަރީ އެވެ.
މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު އެއްވެސް ކަމެއް ނުފެނުނު ކަމަށާއި ކުޅުންތެރިން ވެސް ފަރުވާކުޑައީ ކަމަށެވެ.
ވީބީގެ ކޯޗު ޖޭން ވަންލީ ވަނީ އަބޫގެ ކުޅުމަށް ތައުރީފްކޮށް، ގަދަ ހަތަރަކުން ފުރުސަތު ލިބުމުން ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. ނަމަވެސް ހުސްވި ދެ އަހަރު ވީބީ އަށް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ ގަދަ ހަތަރަކީ ވީބީން އޮންނަން ބޭނުންވި ހިސާބުން ނޫން ކަމަށާއި ހުސްވި ދެ އަހަރެކޭ ވެސް އެއްގޮތަށް ލީގު ދިފާއު ކުރަން ވީބީ ބޭނުންވި ކަމަށެވެ.