މާދަމާ ފަށާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ކޯލިޝަންގައި ތިބި ސިޔާސީ ޕާޓީތައް ރޫޅިގެންދާނެ ކަމަށާއި އަންނަ އަހަރު މަޖިލިސް ފަށާއިރު ކޯލިޝަން ނޯންނާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލު ކުރުމަށް ހިޔާލުތަފާތުވެފައިވާ އޭރުގެ އިދިކޮޅު ޕާޓީތަކުން އެއްގަލަކަން އަރައިގެން މަސައްކަތް ކުރަމުން އައި ނަމަވެސް މާދަމާ ފަށާ މަޖިލީހުގެ ފަހު ދައުރުގައި އެ ކޯލިޝަން ރޫޅިގެންދާނެ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަން ރޫޅާލުމަށްޓަކައި ކުރަންޖެހުނު ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް އިޝާރާތްކޮށް ވެސް އަލީ ވަހީދު ވާހަކަފުޅު ދެއްކެވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ބަދަލު ކުރުމަށްޓަކާ އުސޫލީ ގޮތުން ހިޔާލުތަފާތު ޕާޓީތައް މަސައްކަތް ކުރަމުންދިޔަތަން [ފެނުނު] އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިފެށޭ މަޖިލީހުގެ ދައުރަކީ ޑރ. ވަހީދާއެކު ތިބި ކޯލިޝަން މަޖިލީހުގެ ތެރެއިން ރޫޅިގެންދާނެ ދައުރަކަށް ވެގެންދާނެ ކަމަށް. ދެން އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން... މިއަންނަ އަހަރުގެ މާޗް މަހާއެކު މަޖިލިސް ފަށާއިރު ރައީސް ވަހީދުގެ ކޯލިޝަން ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ އެބަ ލިބޭ،" ތޮއްޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވި އެވެ.

އަށް ސިޔާސީ ޕާޓީގެ މައްޗަށް ކުލެވޭ ސަރުކާރުގެ ކޯލިޝަން ރޫޅިގެންދާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއިރު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ޖާބިރާއި ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ އާޒިމް ވަނީ ރައީސް ވަހީދަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސަރުކާރުގައި ނެތް ފައިސާއަކުން ރައީސް ވަހީދު ކެންޕެއިން ކުރައްވަމުން ގެންދަވާ ކަމަށް ޖާބިރު ވިދާޅުވުމުން ސަރުކާރުން ވަނީ އެކަމަށް ރައްދުދީފަ އެވެ. ޖާބިރު ވިދާޅުވެފައި ވަނީ އޭނާގެ ވާހަކަތައް ހަޖަމްކުރަން ރައީސް ވަހީދަށް އުދަގޫވާނެ ކަމަށެވެ. ޖާބިރު ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު އާޒިމް ވަނީ ރައީސް ވަހީދުގެ އިސްތިއުފާއަށް ގޮވާފަ އެވެ.