30 Sep 2012, 19:30
އެއްވެސް މީހަކީ ގާނޫނަށް ވުރެ މަތީގައި ހުރެވޭނެ މީހެއް ނޫން ކަމަށާއި އެމްޑީޕީ ވެސް ކޯޓުތަކުގެ އަމުރުތަކަށް ތަބާވާން ޖެހޭނޭ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަހުމަދު ޝަފީގް މޫސާ (ޑީއޯ ސައްޕޭ) ވިދާޅުވެއްޖެ އެވެ.
ސްކޮޓްލޭންޑުގެ ގްލަސްގޯވްގައި ހުންނަވައިގެން ސަން އޮންލައިނަށް މިއަދު ފޯނުން ދެއްވި އިންޓަވިއުއެއްގައި ސައްޕޭ ވިދާޅުވީ ރާއްޖޭގައި ގާނޫނު އަސާސީއެއް އެބައޮތް ކަމަށާއި ކޯޓުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އެހެން އެކަން އޮތް އިރު 50،000 މީހުންގެ ސިޔާސީ ޕާޓީއަކުން ކޯޓުތަކުގެ އަމުރަށް ތަބާނުވުމަށް އަންގާ ގަރާރެއް ފާސްކުރުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ.
"ކޯޓުތަކުގެ ހުކުމްތަކަށް ގޮންޖެހިދާނެ އަދި ފާޑުވެސް ކިއިދާނެ، ނަމަވެސް ކޯޓުތަކުގެ އަމުރެއް ތަބާނުވާނެ ކަމަށް ޕާޓީގެ އެކްޒިކިއުޓިވް ކައުންސިލުން ގަރާރެއް ފާސްކުރުން އެއީ ވަރަށް ބޮޑު ޖޯކަކަށް އޭރުން ވަނީ. ރާއްޖޭގެ ގާނޫނު އެބަ ހިނގާ، ގާނޫނު އަސާސީއެއް އޮތްކަމަށް ގަބޫލުކުރަން ޖެހޭ. ކޯޓުތައް ވެސް އެބަހުރި. ފަނޑިޔާރުން ވެސް އެބަތިބި. އަޅުގަނޑުމެންނަށް އެބަފެނޭ ކޮންމެ ދުވަހަކު ކޯޓުތަކުގައި ޝަރީއަތް ހިނގާތަން. މީހުންނަށް ހުކުމްކުރާތަނާއި ދޫކުރާތަނާއި މިކަންކަން. 50،000 މީހުން ހިމެނޭ ޕާޓީއެއްގެ ގަރާރަކުން ނުނިންމޭނެ ކޯޓުތަކާއި ކޯޓުތަކުގެ އަމުރުތައް އުވާލާކަށް. މިހެން ނިންމާފައި އޮތް ނިންމުމަކީ ވަރަށް ބޮޑު ޖޯކެއް. އެއްވެސް މީހަކަށް ގާނޫނުން މައްޗަކު ނުހުރެވޭނެ،" ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި ސައިންސް އެންޑް ޓެކްނޮލޮޖީ އެންވޯއީގެ މަގާމު ވެސް ފުރުއްވި އަދި އެމަނިކުފާނުގެ ގާތް ރަހުމަތްތެރިޔާ، ސައްޕޭ ވިދާޅުވި އެވެ.
ސައްޕޭ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެކަންތައްތައް އިސްލާހުކުރަން ވަގުތު ނުދީ ކޯޓުތަކަށް އިހުތިރާމު ނުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީއަކުން އެފަދަ ގަރާރެއް ނެރުމަކީ އެ ޕާޓީއެއްގެ މެންބަރުން އެއަށް ތަބާވާން ޖެހޭ ކަމަކަށްވާ އިރު އެކަމަށް ތަބާނުވާ ޕާޓީގެ މެންބަރުންނަށް ވާނެ ގޮތަކާ މެދު ވެސް އޭނާ ސުވާލު އުފެއްދި އެވެ.
"ހަމަގައިމުވެސް އަޅުގަނޑު ތަބައެއް ނުވާނަން، ޕާޓީގެ އެހެން މެންބަރުން ވެސް ތަބާވާކަށް ނުޖެހޭ. ހަގީގަތުގައި ކޯޓުގެ އަމުރަށް ތަބާ ނުވުން އެވަރުގެ އެންގުމެއް ނޭންގޭނެ ޕާޓީއަކުން، އެއްވެސް ޕާޓީއެއްގެ މެންބަރުންނަކަށް. އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުގެ މައްސަލައެއްގައި ކޯޓުން އަމުރު ނެރެފިއްޔާ އަޅުގަނޑު އެ އަމުރަށް ތަބާވެއްޖިއްޔާ، ދެން އަޅުގަނޑު ޕާޓީން ބާކީ ވާނީ ހެއްޔޭ؟ އެހެން ވެގެން ނުވާނެ،" ސައްޕޭ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް ހުށަހަޅުއްވައި އޭރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ތާއީދު ކުރައްވައިގެން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ އަޣުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އިސްލާހުތައް ގެނެވެންދެން ރާއްޖޭގެ ކޯޓުތަކުގެ ނިޒާމްގެ ތެރެއިން ކުރާ ދައުވާތައް ބަލައިނުގަތުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
އެ ގަރާރަށް ރައީސް ނަޝީދު ވެސް ތަބާވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ވަނީ ބުނެފަ އެވެ. އަދި ނަޝީދުގެ މައްޗަށް ކޮށްފައިވާ އަބުރުގެ ދައުވާއަށް ވެސް ނަޝީދު މިއަދު ކޯޓަށް ހާޒިރުވެ ވަޑައިގެންފައި ނުވާ އިރު ގާނޫނީ ވަކީލެއް ވެސް ހަމަޖައްސާފައެއްނުވެ އެވެ.
އެމްޑީޕީގެ ފުރަތަމަ އިންތިހާބީ ގައުމީ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި ސައްޕޭ، އެމްޑީޕީގެ ގަރާރު ސިފަކުރެއްވީ "ރަނގަޅަށް ބަލައި ނުލައި އަވަސް އަރުވާލައިގެން ނިންމާފައިވާ ނިންމުމެއް" ގެ ގޮތުގަ އެވެ. ވިދާޅުވީ އެ ގަރާރުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ ހައިބަތާއި އިތުބާރު ގެއްލި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ނަޝީދަށް އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ކޯޓަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ކޮންމެ ސަބަބަކާހުރެ ނަމަވެސް މައްސަލަތަކާ ހެދި ކޯޓަށް ވަޑައިގަންނަވަން [އެވަނީ] ޖެހިފައި، އެ އަމުރު ނެރެފައި އެވަނީ. ކޯޓަށް ވަޑައިނުގެންފި ނަމަ ވާނެ ގޮތަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއް އަނެއްކާ ލެވޭނެ. ހުކުމެއްވެސް އައިސްފާނެ. އެއްވެސް ކޮޅެއްގައި ނުޖެހޭ ކަހަލަ ގޮތަކަށް މުޅިކަން މި އޮތީ،" ސައްޕޭ ވިދާޅުވި އެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު މީޑިއާ އަށް ސައްޕޭ އިންޓަވިއުއެއް ދެއްވި މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭނާ އެމްޑީޕީއަށް މިހާ ބޮޑަށް ފާޑު ވިދާޅުވި ވެސް ފުރަތަމަ ފަހަރެވެ. ފެބުރުއަރީ ހަތަކަށް ފަހު އެމްޑީޕީ ތެރޭގައި ހިނގައި ދިޔަ ބައެއް ކަންކަމުގެ މައްޗަށް ވެސް އޭނާ އަލިއަޅުވާލެއްވި އެވެ. އެގޮތުން އެމްޑީޕީގެ އިންތިހާބީ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް އަލްހާން ފަހުމީ ޕާޓީން ކުއްލި ގޮތަކަށް ވަކިކުރި މައްސަލައަށް އިޝާރާތްކުރައްވައި ވިދާޅުވީ ވާދަވެރި އިންތިހާބަކުން ހޮވިވަޑައިގެންފައިވާ އެ ދެ ބޭފުޅުން ޕާޓީން ވަކިކޮށްލުމަކީ އޭނާ ގަބޫލުކުރައްވާ ވިސްނުމާއި މުޅިން ދެކޮޅު ކަމެއް ކަމަށާއި އޭގެ ސަބަބުން ޕާޓީން ގެއްލިގެން ދަނީ ހަރުދަނާ ބަޔަކު ކަމަށެވެ.
"އަޅުގަނޑު އަލްހާނާއި ޑީޑީގެ ސިޔާސަތައް ވެސް ތާއީދު ކުރަނީއެއް ނޫން. އަޅުގަނޑުގެ ވާހަކައަކީ ކޮންމެ ޕާޓީއެއްގައި ވެސް އިދިކޮޅު ހިޔާލު އޮންނަންވާނޭ. އަބަދު އެއްވައްތަރެއްގެ ވާހަކަ ދެކެވިގެންނުވާނެ. އެކި ހިޔާލުތައް އައިސްގެން ކުރިއަށް ދެވޭނީ. އެންމެ ހިޔާލެއްގައި ކުރިއަށްދާން ވަރަށް އުނދަގޫވާނެ،" ސައްޕޭ ވިދާޅުވި އެވެ.
އެމްޑީޕީއަކީ އަދިވެސް އެންމެ ހަރުދަނާ އަދި ވަރުގަދަ ސިޔާސީ ޕާޓީކަން ފާހަގަ ކުރައްވައި ސައްޕޭ ވިދާޅުވީ އޭނާ އެމްޑީޕީގެ ލީޑަޝިޕަށް ވެސް އަދި ޕާޓީއަށް ފާޑު ކިޔަނީ ނޫން ކަމަށާއި ނަމަވެސް ގޯސްކޮށް ކަމެއްދާ ނަމަ އެކަން ރަނގަޅު ކުރަން ވާހަކަ ދެއްކުމަކީ ޖަމާއަތެއްގައި އުޅޭ މީހެއްގެ ހައިސިއްޔަތުން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
އެމްޑީޕީން މިހާރު މަސައްކަތް ކުރަން ޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވިދާޅުވީ ގާނޫނު އަސާސީގައި ލިޔެވިފައި އޮތް އިންތިހާބު އަންނަ އަހަރު ބާއްވާ އިރު އެ އިންތިހާބަށް ތައްޔާރުވުން އެމްޑީޕީއަށް މިއަދު މާ މުހިންމު ކަމަށާއި އެކަމަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ. އަދި ޒިންމާދާރު ގޮތުގައި މިހާރުގެ ސަރުކާރަށް ފާޑުކިޔައި އިސްލާހުކުރަން ހުރިކަންތައްތައް ފާހަގަކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު މިކުރެވެނީ އެމްޑީޕީއޭ ދެން އޮންނަ އިންތިހާބެއް ކާމިޔާބުކުރާނީ. އެހެންވީމާ ފޯކަސް ވަރަށް ބޮޑަށް އެކަމަށް ދޭން އެބަޖެހޭ. ސިޔާސީ ދިރާސާތަކާއި އެއްޗިހި ދައްކާ ރާއްޖެ އޮތް ގޮތުން ކެމްޕޭން ކޮށްހަދަން އުނދަގޫ ތަނަކަށް ވާއިރު އަޅުގަނޑުމެން އެކަމަށް ހަކަތަ ލާން އެބަޖެހޭ. އަޅުގަނޑުމެން ގަރާރުތައް ނެރޭއިރު އިދިކޮޅު މީހުން ވެސް އެއަށް ރިއެކްޓް ކޮށްފާނެ ގޮތަށް ބަލައި ކުޅޭކުޅޭ ގޮތަށް މިކަން ނުކޮށް ކުރިއަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހެނީ، އޭރުން އަޅުގަނޑުމެންނަށް ކާމިޔާބުވާނެ."
މ. އޭޝިޔާ، ހަސަން އީވާން ނަސީމަށް މާފުށީ ޖަލުގައި ސިފައިން ބޮޑެތި އަނިޔާތަށް ކޮށް މަރާލުމާއި ޖެހިގެން އައި ދުވަހު ޖަލުގައި ބަޑިޖެހުމުގެ ހާދިސާއަށް ފަހު އެކަމާ ނުރުހުން ފާޅުކޮށް އަމިއްލަށް އަރުވާލެއްވިގެން ރާއްޖެ ނައިސް އިނގިރޭސިވިލާތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވެވި ސައްޕޭ އަކީ އަދި 2004 ކުރީކޮޅު ނެރެން ފެށި އޮންލައިން އޮޕޮޒިޝަން ނޫސް ދިވެހި އޮބްޒާވާ (ޑީއޯ) ގެ އެޑިޓަރެވެ. ސައްޕޭ ވަނީ ރާއްޖެ އަށް އައި ޑިމޮކްރެޓިކް ބަދަލުތަކާއި ރާއްޖޭގެ ޖަލުތަކުގައި ކަންކުރަމުން ދިޔަ ގޮތުގެ މައުލޫމާތު ޔޫރަޕުގެ ގައުމުތަކަށް އަންގައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ