ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަނުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު އިމްތިޔާޒް (އިންތި) އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް ރައްދު ދެއްވައިފި އެވެ.

މިއަދު ހަވީރު ނަލަހިޔާ ހޮޓެލްގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުގައި ޖުމްހޫރީ ޕާޓީގެ ރަޖިސްޓާ ޖެނަރަލް އިންތި ވިދާޅުވީ އޭނާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރާ ވާހަކަތަކީ "ދޮގު ވާހާކަތަކެއް ކަމަށާއި" ފެލިވަރުގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން ނާޖާއިޒް ގޮތުގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ނުވެސް އުއްފަދާ ކުންފުންޏަކަށް 1.5 މިލިއަން ރުފިޔާގެ މަސްދަޅުތަކެއް ކްރެޑިޓަށް ދޫކޮށްފައިވާ ކަމަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތާ ގުޅޭ ގޮތުން އިންތި ވިދާޅުވީ ފެލިވަރު ކުންފުނިން ތަކެތި ކްރެޑިޓަށް ދޫކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކީ އޭނާ އޭގައި ޒިންމާ ވާންޖެހޭނެ މައްސަލަތަކެއް ނޫން ކަމަށާއި އެކަމުގައި ޒިންމާވާން ޖެހޭނެ ފަރާތަކީ ސޭލްސް އެންޑް އޮޕްރޭޝަން ޑިޕާޓްމަންޓާ ހަވާލުވެ ހުންނަ މީހެއް ކަމަށެވެ.

"ކްރެޑިޓަށް އެއްޗެހި ދޫކުރުމަކީ އަޅުގަނޑު އެކަމުގައި ޒިންމާވާން ޖެހޭނެ ކަމެއްނޫން،" އިންތި ވިދާޅުވި އެވެ.

އަދި ވިދާޅުވީ ފެލިވަރު ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން އެއްވެސް ފަރާތަކަށް ކުރެޑިޓަށް އެއްޗެހި ދޫކުރަން ސޭލްސް ޑިޕާޓްމަންޓަށް އޭނާ އަންގާފައިނުވާ ކަމަށާއި އަދި ކްރެޑިޓަށް އެއްޗެހި ދޫކުރުމުގެ އުސޫލުތަކަށް ވެސް ބޯޑަށް ހުށަހަޅާއިގެން ވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ.

ނުވެސް އުފައްދާ ކުންފުންޏެއްގެ ނަމުގައި އެއްޗެހި ދޫކުރި ކަމަށްބުނާ ކުންފުނީގެ ނަމަކީ އޭނާ ކުރަމުންދާ ވިޔަފާރި އިންވެސްޓްމަންޓަށް ބޭނުންކުރާ ނަންކަން ފާހަގަ ކުރައްވަމުން އިންތި ވިދާޅުވީ އޭނާގެ ވިޔަފާރިއާ ހަވާލުވެ މިހާރު އުޅެނީ އާއިލާ މީހުން ކަމަށާއި އޭނާ އެއްވެސް ފަރާތަކަށް ނުފޫޒުގެ ބޭނުންކޮށްގެން ކުރެޑިޓަށް މަސްދަޅުތަކެއް ދޫކޮށްފަނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓާ ޖެނަރަލް ކަމުން އޭނާ ވަކި ނުކުރެވޭނެ ކަމަށާއި އަދި ކައުންސިލް ބައްދަލުވުމަކުން ނޫނީ އޭނާ ސަސްޕެންޑް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އުވާލާފައިވާ ކުންފުންޏަކަށް 2000 މަސް ދަޅު ކްރެޑިޓަށް ދޫކޮށް އެ ފައިސާ އެ ކުންފުންޏަށް ލިބިފައި ނުވާ މައްްސަލައަކާ ގުޅިގެން އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޭސީސީ އިން ފޮނުވައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފަ އެވެ.

އެ މައްސަލަ ފެންމަތި ވުމާ އެކު ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާގެ މަގާމުން އޭނާ ވަނީ ސަސްޕެންޑް ވެސްކޮށްފަ އެވެ.