30 Sep 2012, 18:21
ޑިމޮކްރަސީއަކީ އަވަސް އަރުވާލައިގެން، ގެންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި ޑިމޮކްރަސީ ތަރައްގީކުރަން ވާނީ ޗައިނާގައި ތަރައްގީ ކުރަމުންދާ ގޮތަށް ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.
ޗައިނާގައި މިހާރު އޮތް ވެރިކަން ގާއިމްކޮށް، "ޕީޕަލްސް ރިޕްބްލިކް އޮފް ޗައިނާ" އުފެއްދި ފަހުން 63 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޗައިނާ އަށް ގެނެސްފައިވާ ސިޔާސީ ބަދަލުތަކުން ކަށަވަރު ވަނީ އެ ގައުމުން އެކަން ކުރަނީ ވަރަށް ކެތްތެރި ކަމާ އެކުގައި ކަމަށެވެ.
".. ޗައިނާ އަށް ގެނެސްފައިވާ ސިޔާސީ ބަދަލުތަކަށް ބަލާއިލާ އިރު އެ ގައުމުން ދައްކައިދީފައި އެ ވަނީ އެގައުމުން ފިޔަވަޅުތައް އަޅަމުން އެދަނީ ވަރަށް ކެތްތެރިކަމާ އެކު. ބިނާކުރަނިވި އަދި ނަތީޖާ ހާސިލުކުރެވޭނެ މިސްރާބަކަށް ކަން. އަދި އަޅުގަނޑު ގަބޫލުކުރަނީ ޑިމޮކްރަސީ ތަރައްގީކުރަން ޖެހޭނެ ގޮތަކީ އެއީ ކަމަށް. ވަރަށް އަވަސް އަރުވާލައިގެންނެއް ނޫން،" ނައިބުރައީސް ވަހީދުއްދީން އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.
އެވާހަކަފުޅުގެ ކުރިން ވިދާޅުވީ ޗައިނާ ދަނީ ރަނގަޅު މިސްރާބަށް ކަމަށާއި ޗައިނާ ދުނިޔޭގައި ނަގައި ކިޔަމުންދާކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދި ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިިކާއި ސަރުކާރާއި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޗައިނާގެ ރައްޔިތުންނަށް އެމަނިކުފާނު ހެޔޮއެދުންތައް ރައްދުުރެއްވި އެވެ.
ޗައިނާ އާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖޭގައި ހުރި ޗައިނާ އެމްބަސީގެ މެމްބަރުން ކުރައްވާ މަސައްކަތް ޕުޅަށް ތައުރީފުކުރައްވަމުން، ޗައިނާގެ އެމްބަސީ އަޅަން ބިމެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ވެސް ނަިއބު ރައީސް ފާހަގަކުރެއްވި އެވެ. އަދި ޗައިނާއަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުކަން ފާހަގަކުރައްވައި އެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ޔޫ ހުންޔާ ވިދާޅުވީ ޗައިނާއަކީ މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅޭ ސުލްހައަށް ލޯބިކުރާ ގައުމެއް ކަމަށެވެ. އަދި ޗައިނާއަކަށް އެގައުމު އަމިއްލައަށް ތަރައްގީއެއް ނުވެވޭނެ ކަމަށާއި ޗައިނާއާ ނުލައި ދުނިޔެ އަށް ވެސް ކުރިއެރުން ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ދުވަހެއް ދުވަހަކަށް ބަދަހިވަމުން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް އިތުރުވާނެ ކަމަށެވެ.
ޗައިނާ އަށް އައިސްފައިވާ ކުރިއރުމާ ބެހޭ ގޮތުން ވާހަަކަ ދައްކަވަމުން ޔޫ ވިދާޅުވީ ގިނަ ކަންތައްތަކެއް ހާސިލުވެފައި ވީ ނަމަވެސް ޗައިނާއަކީ އަދިވެސް ތަރައްގީވަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކާ ޗައިނާއާ ދެމެދު އަދިވެސް ބޮޑު ދުރުމިނެއް އެބަހުރި ކަމަށާއި ދުނިޔޭގެ ފަގީރުކަމުގައި އުޅޭ މީހުންގެ އާބާދީ ދެވަނައަށް އެންމެ ބޮޑީވެސް އެގައުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެއްދި ދުވަސް ފާހަގަކުރުމުގެ ހަފުލާއަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީނާއި ޗައިނާ އެމްބެސެޑަރުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ވަޑައިގެންނެވި އެވެ.