30 Sep 2012, 18:16
ކޯނީގެ ރިޕޯޓްގައިވާ ކަންތައްތައް ކުރުމަށް ބާރުއެޅުމުގެ ގޮތުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ އެންމެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ބައިވެރިވުމަށް މިއަދު ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެހެން ނިންމާފައިވާ އިރު، އެ ޕާޓީގެ ގައުމީ މަޖިލީހުން ޕާލަމެންޓްރީ ގްރޫޕަށް ލަފާދީފައި ވަނީ ކޯނީގެ ރިޕޯޓުގައި ކުރުމަށް އިރުޝާދުދީފައިވާ ކަންކަމާ މެދު ފިޔަވަޅު ނާޅާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ބައިވެރިވެގެން ނުވާނެ ކަމަށެވެ.
މާދަމާގެ ޖަލްސާގައި އެމްޑީޕީ އިން އެ ޕާޓީގެ މެންބަރުން ބައިވެރިވުމަށް ނިންމުމާ ގުޅިގެން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ވަނީ ނިއުސްކޮނަފަރެންސެއް ބާއްވައިފަ އެވެ.
އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ކޯނީގެ ރިޕޯޓްގައިވާ ކަންތައްތަކުގެ ތެރެއިން މަޖިލީހުން ބަލަން ޖެހޭ ތިން ކަމެއްވާ ކަމަށެވެ. އެއީ މަޖިލިސް ހިންގުމަށް ގެންނަން ޖެހޭ ބަދަލުގެނައުމާއި ޝަރުއީ ނިޒާމް އިސްލާހު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ސަލާމަތީ ބާރުތަކުން މިއަހަރުގެ ފެބްރުއަރީ 6، 7 ، 8،ގައި ހިންގި ކަންތައްތައް މަޖިލީހުގެ ތެރެއިން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެކަންތައްތަކާ މެދު މަޖިލީހުން އަމަލު ކުރާނެ ގޮތް ބެލުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ އެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށެވެ. ކޯނީގެ ރިޕޯޓްގައިވާ އެ ކަންތައްތައް ކުރުމަށް ޓަކައި ކޮމެޓީތަކަށް ކޯނީގެ ރިޕޯޓް ފޮނުވާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމެޓީތަކުގައި ކޯނީގެ ރިޕޯޓުގައިވާ ކަންތައްތައް ފާހަގަކޮށް، އިސްލާހު ގެންނަ ޖެހޭ ކަންތައްތަކަށް އިސް ކަންދީގެން އެމްޑީޕީ ޕާލަމެންޓްރީ މެންބަރުން ހަރަކާތެރިވާނެ ކަމަށެވެ. އަދި އެކަންތައްތައް ކުރުމަށް މަޖިލީހުގެ ތެރެއިން ހުރަސްއަޅާ ނަމަ "ދެންކުރަންޖެހޭ ކަންތައްތައް ކުރާނެ" ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"މަޖިލީހުގެ ތެރޭގައި ކޯނީގެ ރިޕޯޓާ ގުޅޭ ގޮތުން ކަންތައްތައް ހިނގާ ގޮތް އަޅުގަނޑުމެން ބަލަމުން ގެންދާނަން. އަދި އޭގައި ހުރި ކަންތައްތައް ފާހަގަކޮށް ގެންނަން ޖެހޭ އިސްލާހު ގެނައުމުގައި ކޮމެޓީތަކުގައި އަޅުގަނޑުމެންގެ މެންބަރުން އިސްކަމެއްދީ ހަރަކާތްތެރިވަމުންދާނެ. އެ މަސައްކަތްތައް ކުރުމަށް ހުރަސްއެޅެމުންދާ ކަމަށް ވަންޏާ އަޅުގަނޑުމެންނަން ޖެހޭނީ ދެން ކުރަންޖެހޭ ކަންތައްތައް ކުރަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކޯނީގެ ރިޕޯޓްގައިވާ ކަންތައްތައް ބެލުމުގެ ބާރު ލިބިދެނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާއި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމެޓީގެ އިތުރުން ގައުމީ ސަލާމަތުގެ ކޮމެޓީ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދު ވިދާޅުވީ މާދަމާގެ މަޖިލީހުގެ އެޖެންޑާއާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މަދާމާގެ އެޖެންޑާގައި ކޯނީގެ ރިޕޯޓްގެ މައްސަލަ ނެތުމުން ކަމަށާއި ކޯނީގެ ރިޕޯޓަކީ މަޖިލީހުގެ ތަޅުމުން ކޮމެޓީތަކަށް ދާން ޖެހޭ ރިޕޯޓެއް ކަމަށެވެ. އަދި މާދަމާގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވާ އެއްޗަކާ މެދު އިންތިޒާރު ކުރަމުންދާ ކަމަށާއި ކޯނީގެ ރިޕޯޓުގައިވާ ކަންތައްތައް ބެލުމުގެ މާހައުލެއް މަޖިލީހުގައި ގާއިމް ނުކުރެއްވިއްޖެ ނަމަ ސަރުކާރުން ބޭނުންވާ ކަންތައްތައް ވެސް މަޖިލީހުގެ ތެރެއިން ނުކުރެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.