އއ. މާގާ ރިސޯޓުގެ ކުއްޔާއި ޖޫރިމަނާގެގޮތުގައި 90 ހާހަށް ވުރެ ގިނަ ޑޮލަރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އެއްލައިދޫ އިންވެސްޓްމަންޓް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ އއ. މާގާ ރިސޯޓުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދަން މީރާއިން ދައުވާ ކުރި މައްސަލަ ބެލުމަށް ފަހު އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ ކުލީގެ ގޮތުގައި ދައްކަންޖެހޭ 27،608.80 ޑޮލަރާއި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 71،989.95 ޑޮލަރު މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އެއްލައިދޫ އިންވެސްޓްމަންޓްގެ މައްޗަށް ހުކުމް ކުރާކަމަށެވެ.

މީގެ އިތުރުން އެކުންފުނިން ހިންގާ އެހެން ރިސޯޓެއްކަމަށްވާ އެއްލައިދޫ ރިސޯޓުގެ ލީސްރެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 19،274.16 ޑޮލަރު 14 ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެކުންފުނިން އެ ފައިސާ އަދިވެސް ދައްކާފައި ނުވާތީ އެ ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.