30 Sep 2012, 17:00
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހދ. ނޭކުރެންދޫ އަންހެނަކު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހާގެ މައްޗަށް ވައްކަމުގެ ދައުވާއެއް އުފުލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ހދ. ނޭކުރެންދޫ ރަންވިއު ފާތުމަތު ޒަކަރިއްޔާ (ފާތުމަ) 65، މަރާލިކަމަށް ތުހުމަތު ކުރެވޭ ކ. ގުރައިދޫ ގުލްހަޒާރުގޭ، އަލީ ޝަހީމްގެ މައްޗަށް ވައްކަމުގެ ދައުވާ ކޮށްފައި ވަނީ ފާތުމަ މަރާލުމަށް ފަހު އޭނާގެ ގަހަނާތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ދައުލަތުން މިއަދު ދައުވާ އިއްވުމުން އޭނާ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"ހދ. ނޭކުރެންދޫ ރަންވިއު ފާތުމަތު ޒަކަރިއްޔާ މަރާލިކަމަށް ތުހުމަތު ކުރެވޭ ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށް ވައްކަމުގެ ދައުވާ ކޮށްފައި ވަނީ ފާތުމަތު ޒަކަރިއްޔާ މަރާލުމަށްފަހު އޭނާގެ ގަހަނާތަކާއި މޯބައިލް ފޯން ވަގަށް ނެގި ކަމުގެ ތުހުމަތުގައި. އޭނާ މިއަދު ވަނީ ވައްކަމުގެ ދައުވާ އަށް އިންކާރުކޮށްފައި،" މަނިކު ވިދާޅުވި އެވެ.
ދައުލަތުން ޝަހީމްގެ މައްޗަށް ކުރި ދައުވާގައި ބުނަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޣުރިބު ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ފާތުމަ މަރާލުމަށްފަހު އޭނާގެ ކަރުގައި އޮތް ދެ ރަންފަށާއި، ދެ ކަންފަތުގައި އޮތް ދެ ރަން ބޮޅާއި، އޭނާގެ ރަން ކެވެލިކޮޅާއި، ކަނާއަތު ދެ އިނގިއްޔެއްގައި އަޅާފައި އޮތް ދެ ރަން އަނގޮޓިއާއި ނޮކިއާ ބައްތި ފޯނެއް ޝަހީމް ވަގަށް ނަގާފައިވާ ކަމަށެވެ.