30 Sep 2012, 16:47
ޓޫރިޒަމް ޓެކްސްގެ ޖޫރިމަނާ ނުދައްކައިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އައިލޭންޑް ޕާލް ގޮވައިގެން ކޯޓަށް ހިނގައްޖެ އެވެ.
މީރާއިން ބުނީ އެ ކުންފުނީގެ އާކް ރޯޔަލް ސަފާރީ އާއި އެމްވީ މޯލްޑިވްސް ޕްރިންސަސް ސަފާރީން މިދިއަ ޖެނުއަރީ އާއި އޭޕްރީލް އަދި މޭ މަހުގައި މިއަހަރަށް ދައްކަން ޖެހޭ ޓޫރިޒަމް ޓެކްސް ކަނޑައަޅާފައިވާ ތާރީހަށް ދައްކާފައި ނުވާ ކަމަށެވެ.
އެފަރާތުން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާގެ އަދަދަކީ 120،000ރ. އެވެ.
އެ ފައިސާ ހޯދަން ސިވިލް ކޯޓްގައި ދައުވާ ކޮށްފައިވާ ކަމަށާއި ޓޫރިޒަމް ގާނޫނާ އެއް ގޮތަށް ޓޫރިސްޓް އުޅަނދު ދުއްވާ ފަރާތްތަކުން އެ ގާނޫނާ ހިލާފު ވެއްޖެ ނަމަ ނުދައްކާ އޮތް ޓެކްސް ދެއްކުމާއެކު ގާނޫނާ ހިލާފުވި އިރު ހުރި ކޮންމެ އެނދަކަށް 1000ރ. ގެ ރޭޓުން ޖޫރިމަނާ ވާނެ ކަމަށް ވެސް މީރާއިން ބުންނެވެ.