މާލޭ ހުޅަނގު ދެކުނު ހާބަރުން ވިއްކުމަށް ކަނޑައެޅި 50000 އަކަފޫޓު ބިމުގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކި ހަތަރު ބިމަށް ފަހު، ނީލަން ނިމޭ މުއްދަތު ވިދިވިދިގެން ފަސް ދުވަހު އޮތުމަށް ފަހު ނީލަން ނިމޭ ގޮތަށް ކަނޑައަޅައި އިތުރު ހަތަރު ބިމެއް ނީލަމަށް ލައިފި އެވެ.


މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނީލަން ފެށޭ އަގު 4000 ރުފިޔާ އަށް އަކަފޫޓެއް ރޭޓުން ވިއްކަވާ ބިމުން މި ބުރަށް ވިއްކަވާނީ 19000 އަކަފޫޓު ކަމަށާއި ތިން ބުރަކަށް ބަހާލައިގެން ބިން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.


މުނިސިޕަލްޓީން ބުނި ގޮތުގައި މިބުރުގައި ނީލަމަށް ލާފައި ވަނީ 2000 އަކަފޫޓުގެ ދެ ބިމާއި 5000 އަކަފޫޓުގެ ބިމަކާއި 10000 އަކަފޫޓުގެ ބިމެކެވެ.


ފުރަތަމަ ބުރުގައި ވިއްކި 14500 އަކަފޫޓުގެ ހަތަރު ބިމުން ސަރުކާރަށް 94.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އެވްރެކޮށް އަކަފޫޓަކަށް 6517 ރުފިޔާގެ ރޭޓުންނެވެ.


ހުޅަނގު ދެކުނު ހާބަރުން ގިނަ އަދަދެއްގެ ބިން ސަރުކާރުން ވިއްކަނީ އިދިކޮޅު އިއްތިހާދުން އެކަމާ އިއުތިރާޒުކޮށް، މާލެއިން ބިން ވިއްކުން ހުއްޓުވައި ދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލައެއް ވައްދާފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ދައުލަގެ ބިމާއި ހަރު މުދާ ނުވިއްކޭނެ ކަމަށް ބުނެ، މާލިއްޔަތުގެ ގާނޫނު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް މުޅި މަޖިލީހުގެ އަޣުލަބިއްޔަތުން ބިލް ފާސްކުރުމުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލް އަދި ތަސްދީގު ނުކުރައްވަ އެވެ.