10 Mar 2010, 10:27
10:00
މިޔަރާއި މިޔަރުން އުފައްދާ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި އެތަކެތި އެކްސްޕޯޓް ކުރުން ޖުލައި 1 ވަނަ ދުވަހުން ފެށިގެން މަނާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މިކަން މިގޮތަށް ނިންމެވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަހީދު ރިޔާސަތު ބެލެހެއްޓެވި އެމަޖިލީހުގެ އިއްޔެގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހުސްވި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މުޅިން މަނާކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަމާގުޅޭ ކަރުދާހެއް ތައްޔާރު ކުރައްވައި 14 ދުވަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހަށް އަލުން ހުށަހެޅުއްވުމަށްވަނީ ނިންމަވާފަ އެވެ.
މި ގޮތުން ތައްޔާރުކުރެއްވި ކަރުދާހާބެހޭގޮތުން އިއްޔެގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދައްކަވައި، މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރެއްވުމަށް ނިންމަވައި އެ ނިންމެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކަނޑައެޅުއްވި އެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ފާހަގަކުރެއްވިފައިވާ ފަރާތްތަކަށް، އިޤްތިސާދީ އެހެން މަސައްކަތެއް ކުރުމަށް ނުވަތަ އެހެން ބާވަތެއްގެ މަސްވެރިކަމަކަށް އަހުލުވެރިކުރުވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމާއެކު، ޖުލައި 1 ގެ ފަހުން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއާއި އެކްސްޕޯޓް ކުރުން މަނާކުރެއްވުމަށް ނިންމެވީ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.