30 Sep 2012, 16:44
މެޑްރިޑް (ސެޕްޓެމްބަރ 30): ސްޕޭންގެ ކެތަލޯނިޔާ ސަރަޙައްދު ސްޕޭންގެ ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި ވުޖޫދަށް ގެނައުމަށް ތާއީދުކޮށް އެ ސަރަޙައްދުގެ ޕާލަމެންޓުން ފާސްކުރި ޤަރާރާ މެދު ކަންބޮޑުވާކަން ސްޕޭން ސަރުކާރުން ހާމަކޮށްފި އެވެ.
ސްޕޭންގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕޭންގެ ދައުލަތުން ކެތެލޯނިޔާ ވަކިވެގަތުމަށް ތާއީދުކޮށް އެސަރަޙައްދުގެ ލޯކަލް ޕާލަމެންޓުން ފާސްކުރި ޤަރާރާ މެދު ކަންބޮޑުވާ ކަމަށާއި ނަމަވެސް އެ ސަރަޙައްދުގެ ރައްޔިތުން ދިމުޤްރާތީ އިންތިޚާބަކުން ނިންމާ ނިންމުމަކަށް ސަރުކާރުން އިޙްތިރާމްކުރާނެ ކަމުގަ އެވެ. ކެތަލޯނިޔާގެ ލޯކަލް ޕާލަމެންޓުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ޤަރާރެއް ގޮވާލާފައިވަނީ އެސަރަޙައްދު ސްޕޭންގެ ދައުލަތުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި ވުޖޫދަށް ގެނައުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށެވެ. މިޤަރާރަށް ލޯކަލް ޕާލަމެންޓްގެ 60 ޕަސެންޓް މެންބަރުން ތާއީދުކޮށްފައިވެ އެވެ. މިޤަރާރަށް ތާއީދުކޮށްފައި ވަނީ ކެތަލޯނިޔާގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށް ޚަބަރުތައް ބުނެ އެވެ.
މިޤަރާރާގުޅިގެން ކެތަލޯނިޔާގެ ލޯކަލް ސަރުކާރުން ވަނީ އަންނަ ނޮވެމްބަރު މަހު، އެ ސަރަޙައްދުގެ މުސްތަޤްބަލާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ކެތަލޯނިޔާގެ ބޮޑުވަޒީރު އަރްތޫރު މާސް ވަނީ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފި ނަމަ ވަކިވެގަތުމަށް މަސައްކަތްކުރާ ޕާޓީތަކުން މިއިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ލަފާކުރައްވާފަ އެވެ. ކެތަލޯނިޔާގެ ލޯކަލް ޕާޓީތަކުގެ ތެރޭން ގިނަ ޕާޓީތައް ތާއީދުކުރަނީ މިނިވަން ދައުލަތެއްގެ ގޮތުގައި އެސަރަޙައްދު ވުޖޫދަށް ގެނައުމަށެވެ. ނަމަވެސް މިކަންކުރަން އެޕާޓީތައް ބޭނުންވަނީ ޤާނޫނީ އިމުގެ ތެރޭންނެވެ. ކެތަލޯނިޔާގެ ލޯކަލް ޕާޓީތަކުގެ ތެރޭން ވަކިވެގަތުމާ އިދިކޮޅު ހަދަނީ ސްޕޭންގެ ބޮޑުވަޒީރު މަރިޔާނޫ ރަޚުވާއި ނިސްބަތްވެ ވަޑައިގަންނަވާ ކޮންޒަވެޓިވް ޕީޕަލްސް ޕާޓީގެ ކެތަލޯނިޔާގެ ގޮފިން އެކަންޏެވެ.
ކެތަލޯނިޔާއަކީ ސްޕޭންގެ އެންމެ އިރުއުތުރުގައި އޮންނަ ޒާތީ މިނިވަންކަމެއް ލިބިފައިވާ (ވަކިލޯކަލް ސަރުކާރެއް އޮންނަ) ސަރަޙައްދެކެވެ. މިސަރަޙައްދުގެ އާބާދީއަކީ 7.6 މިލިޔަނެވެ. ކެތަލޯނިޔާގެ އިތުރުން ސްޕޭންގެ ބާސްކް ސަރަޙައްދު ވެސް ގެންދަނީ އެޤައުމުން ވަކިވެގަތުމަށް މަސައްކަތްކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޕޭންގެ ސަރަޙައްދުތައް ވަކިވެގަތުމަށް މަސައްކަތްކުރަން ފަށާފައި މިވަނީ އިިޤްތިސާދީ ގޮތުން ވަރަށް ފުންވަޅުގަނޑަކަށް ސްޕޭން ވެއްޓި ރައްޔިތުންގެ ގިނަބައެއްގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ފަށާފައިވާ ދުވަސްވަރެއްގަ އެވެ. (ނޫސްއެޖެންސީތައް)