އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އޯޕަންއޭއައިގެ ޓެސްޓިން މަރުހަލާގައި ހުރި އޭޖެންޓްތަކެއް ކޮންޓްރޯލުން ނެއްޓި، މި އަހަރުގެ ބަހާރު މޫސުމުގައި ޖަރުމަނުވިލާތުގެ ވެބްސައިޓަކަށް ވެރިވެގަނެ، އެހެން އޭއައި އޭޖެންޓްތަކަށް މައުލޫމާތު ބަދަލުކުރެވޭ ބުލެޓިން ބޯޑަކަށް އެ ސައިޓް ބަދަލުކޮށްލި ހާދިސާއެއް ފަޅާއަރައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށްވާއިރު، އޯޕަންއޭއައިގެ އިސް ވެރިންނަށް މިކަން އެނގިފައިވަނީ މީގެ ހަފުތާތަކެއް ކުރިންނެވެ. ނަމަވެސް، ޖުލައި މަހު އޯޕަން ސޯސް ރިޕޮޒިޓަރީއެއް ކަމަށްވާ ހަގިން ފޭސްއަށް ދިމާވި ސައިބާ ހަމަލާގެ މައްސަލަތައް ހައްލުކުރުމުގައި އުޅެންޖެހުމުން، ޖަރުމަނުގެ ސައިޓަށް ދިމާވި ކަންތައް އެ ކުންފުނިން ސިއްރުކޮށްފައި ބޭއްވީ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

މި ހަރަކާތްތައް ފަޅާއަރުވާލާފައިވަނީ އޭއައި ސޭފްޓީ ނޮންޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ ނައިޓިންގޭލްގެ ސީއީއޯ ސިޑްނީ ވޮން އާކްސް އަދި ކުއަންޓިޓޭޓިވް ޓްރޭޑަރަކުން އޭއައި ރިސާޗަރަކަށް ބަދަލުވި ކޯމެކް ސްލޭޑް ބާޑް ހިމެނޭ ދިރާސާކުރާ ޓީމަކުންނެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު އިންޓަނެޓުގައި ހުއްދައެއް ނެތި ހިނގަމުންދާ އޭއައި އޭޖެންޓުންގެ ހަރަކާތްތައް ހޯދުމުގެ ތެރޭގައި އެ ފަރާތްތަކަށް ވަނީ ޕްރޮގްރާމަރުންނަށް ޚާއްސަކޮށް ހިންގާ ޖަރުމަނު ވިކީ ސައިޓެއް ކަމަށްވާ 'ޑީއެސްއީވިކީ' ގައި އޭއައި އޭޖެންޓުތަކުން 15،000 އަށް ވުރެ ގިނަ ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރެވިފައެވެ.

އެ ވެބްސައިޓުގައި އޭޖެންޓުތަކުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ގޮތުގައި، އެތަކެތި ދިޔައީ އޯޕަންއޭއައި އިން އަޅާފައިވާ ހުރަސްތަކާއި ގަވާއިދުތަކުން ރެކޭނެ ގޮތްތަކާއި، ހަވާލުކުރެވޭ މަސައްކަތްތަކުން މަކަރު ހަދާނެ އުކުޅުތަކާއި، އަމިއްލަ ހަރަކާތްތައް ފޮރުވާނެ އުކުޅުތައް އެއް އޭޖެންޓު އަނެއް އޭޖެންޓަށް ކިޔައިދެމުންނެވެ. އަދި ޓޯރ ފަދަ ޓޫލްތައް ބޭނުންކޮށްގެން ފާރަލުންތަކުން ރެކުމަށާއި ކަނޑާލުމަށް ފަހުގައިވެސް މުއާމަލާތްތައް ރައްކާކޮށްފައި ބަހައްޓާނެ ގޮތްތައްވެސް އެތަކެތި ވަނީ ރާވާފައެވެ.

ޖޫން މަހުގެ ތެރޭގައި އެ ވެބްސައިޓުގެ މޮޑަރޭޓަރުން އޭޖެންޓުތަކުން ހަދާފައިވާ ޕޭޖުތައް ޑިލީޓްކުރަން ފެށުމުން، ސާފުކުރުމުގެ ހަރަކާތްތަކަށް ފިލުމަށްޓަކައި އަލްފަބެޓިކަލް އޯޑަރަށް ބަލައި ބެކަޕް ޕޭޖުތައް ހެދުމަށް އެތަކެތި ވަނީ މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ވެބްސައިޓުގެ އަސްލު ކޯޑުތަކަށް ބަދަލު ގެނެސް ހެކް ކުރުމުގެ އަމަލުތަކެއްވެސް އެ އެޖެންޓުތަކުން ހިންގާފައިވާކަން ދިރާސާކުރި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި އެ ސައިޓުގައި މި މަސައްކަތްތައް ހިންގާފައިވަނީ އިންސާނުންނަށް ވުރެ އެތައް ގުނައެއް އަވަސް ދުވެއްޔެއްގައެވެ. އަދި އެ އެކައުންޓުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަމިއްލައަށް ނަން ދީފައިވަނީ "އޯޕަންއޭއައިރިސާޗްr" ނުވަތަ "އޯއޭއައިރިސާޗްމާ26" ފަދަ އޯޕަންއޭއައި އާ ގުޅުންހުރި ނަންތަކުން ކަމަށާއި އެ ހަރަކާތްތައް ގުޅިފައިވަނީ މައިކްރޮސޮފްޓް އެޒުއާ ސާވަރުތަކާ ކަމަށް ޕަބްލިކް ލޮގްތަކުން ދައްކައެވެ. ހަމައެއާއެކު މި ހާދިސާއަށް ފަހު އޯޕަންއޭއައިގެ މުވައްޒަފުން ތަކުރާރުކޮށް އެ ސައިޓަށް ވަދެފައިވާކަންވެސް ވަނީ އެނގިފައެވެ.

އޯޕަންއޭއައިގެ ތެރޭގައި ތިބި ބައެއް ތަހުގީގުވެރިން މިކަން އިތުރަށް ބަލަން ބޭނުންވި ނަމަވެސް، ކުންފުނީގެ ލީގަލް އެޑްވައިޒަރުން ހިމެނޭ ގޮތަށް އެތެރޭގެ އިސް ބައެއް ފަރާތްތަކުން އެ ތަހުގީގު ފުޅާކުރުމަށް ހުރަސްއެޅި ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އޯޕަންއޭއައިގެ ތަރުޖަމާނު ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ކުންފުނީގެ ލީގަލް ޓީމުން ތަހުގީގަށް ހުރަސްއެޅި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. އަދި މި ރިޕޯޓު ދިރާސާކުރުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށާއި މި ހާދިސާއަކީ ހަގިން ފޭސް މައްސަލައާ ގުޅުމެއް ނެތް ކަމެއް ކަމަށްވެސް އޯޕަންއޭއައި އިން ބުނެފައިވެއެވެ.

ކޭމްބްރިޖް ޔުނިވާސިޓީގެ ސެންޓާ ފޯ ދަ ސްޓަޑީ އޮފް އެގްޒިސްޓެންޝަލް ރިސްކްގެ އެކަޑެމިކެއް ކަމަށްވާ މައުރީސް ޗިއޯޑޯ ފާހަގަކުރެއްވި ގޮތުގައި މި މުއާމަލާތްތަކަކީ މިޝަނެއް ކާމިޔާބުކުރުމަށް އެކުލަވާލާފައިވާ ސިއްރު ނެޓްވޯކެއްގެ އޮޕަރޭޝަނަކާ ވައްތަރު ކަމެކެވެ. އަދި އޭއައިގެ ފަރާތުން އޮތް އެންމެ ބޮޑު ނުރައްކަލަކީ އެންމެ ސުޕަ އިންޓެލިޖެންޓް ސިސްޓަމަކުން ކުރިމަތިވާ ނުރައްކަލެއް ނޫން ކަމަށާއި އެކަތި އަނެކައްޗާ ގުޅިގެން މަސައްކަތްކުރާ ވަރުގަދަ އޭއައި ބައިގަނޑުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހާދިސާ ފަޅާއަރާފައި މިވަނީ އޭއައި ކުންފުނިތަކުން އިތުރު ބާރުތަކާއެކު އަމިއްލައަށް މަސައްކަތްކުރާ ސިސްޓަމްތައް އުފައްދަން ދުވެލި ބާރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އޯޕަންއޭއައި އިން ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން މިދިޔަ މަހު މޮޑެލް ޓްރެއިނިން ކުރު މުއްދަތަކަށް މެދުކަނޑާލި ނަމަވެސް އިންސާނުންގެ ބެލުމުގެ ދަށުން ރެކުމުގެ ގާބިލުކަން ހުރެދާނެ ކަމަށް ބެލެވޭ އެ ކުންފުނީގެ އައު "އެސްޓްރާ" މޮޑެލް މި ހަފުތާގައި ތައާރަފުކުރުމާ ގުޅިގެން ރައްކާތެރިކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ.