ދިރާގަށް 18،199 ރުފިޔާ ދައްކަން، އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހީމް ދީދީ (ޑީޑީ) ގެ މައްޗަށް ހުކުމްކޮށްފިއެވެ.

ދިރާގުން ޑރ. ދީދީއާ ދެކޮޅަށް ދައުވާ ކުރި މި މައްސަލައަކީ، އެ ކުންފުނިން އެކި ފަހަރު މަތިން ޑރ. ދީދީ ހޯއްދަވާފައިވާ ޚިދުމަތްތަކުގެ އަގަށްވާ ފައިސާ ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮންކޮން ޚިދުމަތްތަކެއް ކަމެއް ނޭނގެއެވެ.

ދިރާގުގެ މި ދައުވާއާ ގުޅިގެން، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ޑރ. ދީދީއާ ހަވާލުކުރި ނަމަވެސް ދައުވާއަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ނިންމާފައި ވަނީ ވެސް ޑރ. ދީދީގެ ޣައިރު ހާޒިރުގައެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ، މަރިޔަމް ވަހީދު މި މައްސަލައިގައި ބުދަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން މި ފައިސާ ދައްކައި ޚަލާސް ކުރުމަށް ޑރ. ދީދީއަށް އަންގައިފައެވެ.

މި މައްސަލައާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ޑރ. ދީދީ ވިދާޅުވީ އޭނާގެ ފަރާތުން ދިރާގަށް ދައްކަންޖެހޭ ކަމަށް އެ ބުނާ 18،199 ރުފިޔާއަކީ އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު ބޭނުންކުރެއްވި އަމިއްލަ ސިމް ކާޑުގެ ރޯމިން ޚިދުމަތް، މިނިސްޓަރު ކަމުން ވަކިވެވަޑައިގަތްއިރު ވެސް ދިރާގުން ކަނޑާނުލައި އޮތުމުގެ ސަބަބުން އަރާފައިވާ ވަރެއް ކަމަށެވެ. ނަމަވެސް މިނިސްޓަރު ކަމުން ވަކިވެވަޑައިގަތް ފަހުން އެ ޚިދުމަތް ކެނޑުމަކީ އޭނާގެ ޒިންމާއެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޑރ. ޑީޑީއަކީ ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގައި މަޝްހޫރު އަދި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2012 އަށް ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު (ފިޝަރީޒް މިނިސްޓަރު) ކަން ޑރ. ދީދީ ކުރައްވާފައިވެއެވެ. އަދި އެމްޑީޕީގެ ރައީސްކަން ވެސް ޑރ. ދީދީ ކުރެއްވިއެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ވެސް އޭނާ އިސްކޮށް އުޅުއްވާފައި ވެއެވެ.

ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ކުރިން އޭނާއަކީ ދަތުގެ ޚާއްސަ ޑޮކްޓަރެކެވެ.