04 Sep 2026, 15:17

ޝަހުދާ މަޙްމޫދުގެ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށް ގެނެސްދީފައިވާ "މަގޭ ބިޓުގެ ވެޑިން" އަކީ ނުހަނު މަޖާ، މުނިފޫހިފިލުވުމުން ފުރިގެންވާ ފުރިހަމަ ފިލްމެކެވެ. ފެށުނީއްސުރެ ނިމެންދެން ވެސް ބެލުންތެރިންގެ މޫނުމައްޗަށް ހިނިތުންވުމާއި އުފާވެރިކަން މި ފިލްމުން ވަނީ ގެނެސްދީފައެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޝަރަފްގެ މޮޅު އެކްޓިން މިފިލްމުގައި ވަކިން ޚާއްޞަކޮށް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ، އޭނާއާއެކު ލީޑް ރޯލު ކުޅެފައިވާ ރާޔާގެ ހުނަރުވެރި ހަރަކާތްތަކުން އެ ކެރެކްޓަރަށް ވަނީ ފުރިހަމަ ދިރުމެއް ގެނެސްދީފައެވެ.
މީގެ އިތުރުން ޝީލާ، ސަޢީދު، ފުބޫ، ޙާޒިފް އަދި ޝާއްކޮގެ އިތުރުން މުޅި ކާސްޓުގެ ފަރާތުން ފެނިގެންދިޔަ މޮޅު އެކްޓިންގެ ސަބަބުން ކޮންމެ މަންޒަރަކުން ވެސް ބެލުންތެރިން ހެއްވާލައެވެ. ކޮންމެ ކެރެކްޓަރަކީ ވެސް ފިލްމުގެ ފުރިހަމަކަން އިތުރުކޮށްދިން މުހިންމު ބައެކެވެ. ޚާއްޞަކޮށް، "މުބާރިކް" މި ކެރެކްޓާރގެ ރޯލަކީ މުޅި ފިލްމުގައި ވެސް އެންމެ ފާހަގަކޮށްލެވޭ، މަޖާ އެއް ބައެވެ. މީގެ އިތުރުން ޝީލާ އަދި ނޫރާގެ ބަހުރުވައަށް ދޭތެރެއަކުން އަންނަ ބަދަލުތައް މިފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.

މަގޭ ބިޓުގެ ވެޑިންގެ ރެޑް ކާޕެޓްގެ ތެރެއިން-- ފޮޓޯ: ޑާކްރެއިން
ފިލްމުގެ "އައިޓަމް ލަވަ"އިން ފެނިގެންދިޔަ މަޤްބޫލު އެތައް ފަންނާނުންނެއްގެ ޚާއްޞަ ފެނިލުންތަކުން ފިލްމުގެ ފޯރި އިތުރަށް ގަދަވެގެންދިޔައެވެ.
ޑާކްރެއިން އެންޓަޓައިންމަންޓުން އަނެއްކާވެސް މިވަނީ ބެލުންތެރިން ބަލާހިތްވާ ފަދަ މޮޅު، ހިތްގައިމު އުފެއްދުމެއް ގެނެސްދީފައެވެ.
މި ފިލްމަކީ ހިތްހަމަޖެހުމާއި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ކޮންމެ މީހަކު ވެސް ކޮންމެހެން ބަލާލަން ރަނގަޅު ފިލްމެކެވެ.