30 Sep 2012, 16:31
ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެކުއްޖާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ ކުށަށް އިއުތިރާފްވެ ތަހުގީގަށް އެކުއްޖާ ދީފައިވާ ބަޔާނުގެ މައްޗަށް ރިއާޔަތްކޮށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް މިއަދު ހުކުމްކޮށްފައި ވަނީ ތަހުގީގު ބަޔާން ފިޔަވައި އެކުއްޖާގެ މައްޗަށް އިތުރު ހެއްކަކު ދައުލަތުން ހުށަހަޅާފައި ނުވާތީ ކަމަށެވެ. އަބޫބަކުރު މަރާލިކަމަށް އިއުތިރާފުވެ ތަހުގީގަށް އެކުއްޖާ ބަޔާން ދިން އިރު ފުލުހުން ވީޑިއޯ ކޮށްފައި ވީނަމަވެސް އެ ކުއްޖާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އެ ބަޔާނަށް އިންކާރުކޮށްފަ އެވެ.
މީގެ އިތުރުން އަބޫބަކުރު މަރާލި ކަމުގެ ތުހުމަތުގައި ލ. އިސްދޫ އެވަލާސްޓް، މުހައްމަދު ފައިސަލާއި ގ. އިރުފާ، އަހުމަދު ނައުޝާދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މިއަހަރުގެ މެއި 29 ވަނަ ދުވަހުގެ 1:00 ޖަހާ އެހާކަންހާއިރު އެ ދެ މީހުން އެ ކުއްޖާއާ ބައިވެރިވެގެން ހަސަން އަބޫބަކުރު ބަނދެ އޭނާ ދިރިއުޅޭ ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އެގޭގެ ގިފިލީގެ ދޮރުން އެ ގެއަށް ވަދެފައިވާ ކަމަށެވެ.
އަދި އެ ތިން މީހުން އެގެއަށް ވަނުމަށްފަހު އަބޫބަކުރު ހިފަހައްޓައި ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި އެކުއްޖާ އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިލޭޝަން ޓޭޕުން ދެ އަތް ބަދެފައިވާ ކަމަށެވެ.
ދައުވާގައި ބުނަނީ އެ ތިން މީހުންގެ އަމަލުތަކުގެ ސަބަބުން އަބޫބަކުރު މަރުވެފައިވާތީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ފައިސަލާއި ނައުޝާދުގެ ޝަރީއަތް ވަނީ ޖުލައި މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. އެ ދެ މީހުން ވެސް ވަނީ މުޅި ދައުވާއަށް އިންކާރުކޮށްފައެވެ.
ސަން އޮންލައިނަށް އަށް އެނގިފައިވާގޮތުގައި އެމީހުން ވަނީ އެގެއިން ވަގަށް ނަގައި ވަޅުލާފައިވާ ފައިސާތައް ވެސް ފުލުހުންނާ ހަވާލުކޮށްފަ އެވެ.