30 Sep 2012, 16:01
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހދ. ނޭކުރެންދޫ އަންހެނަކު މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މީހާ ދައުވާ އަށް އިންކާރުކޮށްފި އެވެ.
ނޭކުރަންދޫ ރަންވިއު ފާތުމަތު ޒަކަރިއްޔާ (ފާތުމަ)،65، މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން އިއްވުމުން އޭނާ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ.
"ހދ. ނޭކުރަންދޫ ރަންވިއު، ފާތުމަތު ޒަކަރިއްޔާ މަރާލި ކަމުގެ ތުހުމަތުގައި ކ. ގުރައިދޫ ގުލްހަޒާރުގޭ އަލީ ޝަހީމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ. މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާ އަށް އިންކާރުކޮށްފައި،" މަނިކު ވިދާޅުވި އެވެ.
ޝަހީމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ މަޢުރިބް ނަމާދު ބަންގީގެ ފަހުގެ ވަގުތެއްގައި ނޭކުރެންދޫ ރަންވިއު ގެއަށް އޭނާ ގޮސް އުޅުމުގެ ތެރޭގައި އެގޭ ކޮޓަރިތެރޭގައި އޮތް ތުވާލިގަނޑެއް އޭނާ ނެގި ކަމަށެވެ.
ދައުވާގައި ބުނަނީ އެގޭގެ ކޮޓަރިއެއްގެ ތެރެއިން ތުވާލިގަނޑެއް ނެގުމަށް ފަހު ފާތުމަގެ ފަހަތުން ގޮސް ތުވާލިގަނޑާ އެކު ފާތުމަ އަނގަ އާއި ނޭފަތާއި އެއްކޮށް ހިފަހައްޓައި ނޭވާ ހާސްކޮށް އޭނާ މަރާލާފައިވާ ކަމަށެވެ.
ފާތުމަ މަރުވި އިރު އޭނާގެ ހުރިހާ ދަރިން ވެސް ތިބީ ރަށުން ބޭރުގަ އެވެ.
ނޭކުރަންދޫ ކައުންސިލްގެ ރައީސް އާދަމް ނާޒިމް ވިދާޅުވެފައި ވަނީ ފާތުމަ މަރުވެފައި އޮއްވައި ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ކައުންސިލަރަކަށް ގުޅައި އޭނާގެ ޚަބަރު ބަލައި ދިނުމަށް އެދުމުން އެގެއަށް ގޮސް ބެލުމުން ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އަލީ ޝަހީމުގެ މައްޗަށް ވައްކަމުގެ ދައުވާ ވެސް ދައުލަތުން މިއަދު ވަނީ އުފުލާފަ އެވެ.