ޖީއެމްއާރާ ދެކޮޅަށް އެ ކުންފުނީގެ މުވައްޒަފުންތަކެއް އެއާޕޯޓުގައި މިއަދު މުޒާހަރާ ކޮށްފި އެވެ.
އެ މީހުން މުޒާހަރާކޮށްފައި ވަނީ އެއާޕޯޓުގައި ހުންނަ އެޗްއާރު އޮފީހުގެ ކުރިމަތީގަ އެވެ.

މުޒާހަރާ ކުރި މީހުންގެ ތެރެއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ގާތްގަނޑަކަށް 100 އެއްހާ މުވައްޒަފުން މުޒާހަރާ ކުރީ މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު މުސާރައިން ބައެއް އުނިވެފައި ހުރުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ސްލިޕްލިބުނީމައި ޔަގީންވީ، އެ ހިސާބުން އަޅުގަނޑުމެން ވާހަކަ ދެއްކީމާ ވެސް މުސާރަ އިން އުނިކުރި ބައިދޭން އެއްބަސްނުވީމާ އަޅުގަނޑުމެން އިހުތިޖާޖު ކުރީ،" އޭނާ ބުންޏެވެ.

އަދި ބުނީ މުޒާހަރާގެ މައިގަނޑު ޑިމާންޑަކީ މުސާރަ އިން އުނިކުރި ބައި އަނބުރާ ރުޖޫއަކުރުމާއި މުސާރައިގެ ތަފާތުކަން ނައްތާލުން ކަމަށެވެ. އޭނާ ބުނީ ޖޫނިއާ ލެވަލްގެ އިންޑިއާ ސްޓާފުންނާއި ސީނިއާ ދިވެހި މުވައްޒިފެއްގެ މުސާރަ ގާތްގަނޑަކަށް އެއްވަރު ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ.

މުޒާހަރާ ކުރަން ފެށުމުން އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން ވަނީ އެ މީހުންނާ ބައްދަލުކުރައްވައި އެ މުވައްޒަފުގެ ޝަކުވާތައް އަޑުއައްސަވައިފަ އެވެ. މުވައްޒަފުން އިހުތިޖާޖު ނިންމާލީ އެ މީހުންގެ ޑިމާންޑްތައް ފުރިހަމަ ކުރުމަށް އިތުރު ދެ ދުވަސް ޖީއެމްއާރަށް ދިނުމުގެ ގޮތުން ކަމަށް ކުރިން ވެސް ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

"އެންޑްރޫ ވިދާޅުވި އެކަން ހައްލުކުރަން ވަގުތު ދެއްވާށޭ، މުސާރަ ޖަމާ ކުރުމުގައި މައްސަލަތަކެއް ވެސް އުޅޭ، އެހެންވެ އަޅުގަނޑުމެން ދެ ދުވަސް ޖީއެމްއާރަށް މި ދިނީ އެކަން އިސްލާހުކުރަން،" އޭނާ ބުންޏެވެ.

މުސާރައިގެ މައްސަލައިގައި ހިތްހަމަނުޖެހި މުޒާހަރާ ކުރި މުވައްޒަފުން ވަނީ ޖީއެމްއާރުން "މަކަރު ހެދި" ކަމަށާއި ޖީއެމްއާރު "ރާއްޖޭން ފޭބުމަށް" ގޮވާލާ އަޑުއުފުލައިފަ އެވެ.

އެ މުޒާހަރާއާ ގުޅިގެން ޖީއެމްއާރުގެ ބަހެއް ހޯދުމަށް އެއާޕޯޓްގެ ސީއީއޯ އެންޑްރޫއާ ގުޅި އިރު އޭނާ ފޯނަށް ޖަވާބުނުދެއްވާތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ސަންއާ އިއްޔެ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ވެސް ބުނެފައި ވަނީ މުވައްޒަފުން ޖީއެމްއާރާ އެކު އައު ކޮންޓްރެކްޓެއްގައި މިދިޔަ މަހު ސޮއިކުރިއިރު ދެމުން ދިޔަ ވަރަށް ގިނަ އެލަވަންސްތަކެއް ކަނޑާލާފައިވާ ކަމަށެވެ. މި މަހު މުސާރަ ލިބުނު އިރު އޯވަރޯލްކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ އިން ވެސް 1000ރ. އާއި 500ރ. އާ ދެމެދުގެ އަދަދެއް މަދުވެފައިވާ ކަމަށެވެ.

އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަންވެސް ރޭ ވިދާޅުވީ ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެވެސް ވަރަކަށް ފައިސާ އުނިކޮށްފައި ހުންނާނެ ކަމަށާއި އެ ފައިސާ އުނިކޮށްފައި ވަނީ އަލަށް ސޮއިކުރި އެގްރިމަންޓުގައި ބުނެފައިވާ ގޮތަށް އެކަމަށް މުވައްޒަފުން ވެސް އެއްބަސްވެގެން ކަމަށެވެ.