30 Sep 2012, 15:34
މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާ މިއަންނަ މަހު ބާއްވާ ގޮތަށް ނިންމައިފި އެވެ. އެ ކުންފުނީގެ އަހަރީ ޖަލްސާގެ ނޯޓިސް ނެރުނުއިރު އަހަރީ އާންމު ޖަލްސާ ބާއްވަން ފަހުގެ ނޯޓިސް ހިއްސާގެ ބާޒާރުން އެ ކުންފުންޏަށް ވަނީ ދީފަ އެވެ.
އެމްޓީޑީސީން އިއްޔެ އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބުނެފައިވަނީ އެ ކުންފުނީގެ އަހަރީ ޖަލްސާ ބާއްވާނީ އަންނަ މަހުގެ 21 ވާ އާދިތަދުވަހު ގެ ރޭ މަޓީ ބިލްޑިންގުގައި ކަމަށެވެ. އެމްޓީޑީސީގެ އޮފީސްވެސް ހުންނަ އެ އިމާރާތަކީ ޓީވީއެމް ކުރިމައްޗަށްވާ ގޮތަށް ބުރުޒުމަގުގައި ހުންނަ އިމާރާތެކެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި ފަހަރުގެ ޖަލްސާއަށްވެސް އެޖެންޑާ ކޮށްފައިވަނީ ހިއްސާދާރުންނަށް ބަހާނެ ހިއްސާގެ މިންވަރު ފާސްކުރުމާއި ޔައުމިއްޔާ އާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރަކު ހޮވުމެވެ.
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ގެ ނޯޓިސް ނެރުނު އިރު މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާންމު ނުކޮށްގެން ސީއެމްޑީއޭއިން ވަނީ އެ ކުންފުނި ޖޫރިމަނާވެސް ކޮށްފަ އެވެ.
އެ ކުންފުނިން ބުނެފައިވަނީ މާލީ ހިސާބުތަކާއި އަހަރީ އާންމު ޖަލްސާ ބޭއްވުން ލަސްވެފައިވަނީ އެ ކުންފުނިން ހިންގާ ހެރެތެރެ ރިސޯޓްގެ ހިސާބުތައް ނުނިމިގެން ކަމަށެވެ.
އެމްޓީޑީސީ ގެ މިއަހަރުގެ ފުތަރަމަ ހަ މަސްދުވަހުގެ ފައިދާ މިދިޔަ އަހަރުގެ ހަ މަސްދުވަހާއި އަޅާ ބަލާއިރު ރެކޯޑް މިންވަރަކަށް ވަނީ ދަށަށްގޮސްފަ އެވެ. އެމްޓީޑީސީން އާންމުކޮށްފައިވާ އެ ކުންފުނީގެ މިދިޔަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ހަ މަސްދުވަހާ އަޅާބަލާ އިރު އެ ކުންފުނީގެ ފައިދާ ވަނީ 43 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.