30 Sep 2012, 15:04
ރާއްޖޭގައި އެހެން ދީންތައް ފަތުރަން އެތެރެކުރާ ތަކެތީގެ ބާވަތްތައް މުޅިން ބަދަލުކޮށްފައިވާ ކަމަށާއި މިހާރު އެތެރެކުރަނީ ކުރިން އެތެރެކުރާ ބާވަތުގެ ތަކެތި ނޫންކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމް މުހައްމަދު އަޝްވާން މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނާ ޖެނެރަލް މިހެން ވިދާޅުވި އިރު ދިވެހި ބަހުންހުރި ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ރާއްޖެ އެތެރެކުރި މީހަކު ކަސްޓަމްސްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުވެސް ކޮށްފަ އެވެ.
އަޝްވާން މިއަދު ވިދާޅުވީ ކްރިސްޓިއަން ދީން ފަތުރަން މި ފަހަރު ރާއްޖެ އެތެރެ ކުރި ފޮތްތަކަކީ މީގެ ކުރިން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ފޮތްތަކާއި ވަރަށް ތަފާތު ފޮތްތަކެއް ކަމަށާއި އެފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކުން މިހާރު ރާއްޖެ އެތެރެ ކުރަނީ ގުރުއާނުގެ ތެރެއިން ބައިބަލްގެ ވާހަކަ އާއި ކްރިސްޓިއަން ދީން އުގަންނައިދިނުމަށް ލިޔެފައި ހުންނަ ތަކެތި ކަމަށެވެ.
"މިހާރު [މިކަން] މިދަނީ އާފާޑަކަށް، ކުރީގައި ވެއްޖިއްޔާ ބޭނުންކުރާނީ ލަވް [ލޯބި] މިކަހަލަ ޝިއާރުތަކެއް ބޭނުންކޮށްފައި ހުންނަ އެއްޗިހި، ނަމަވެސް މިހާރު ސީދާ ދިވެހިބަހުން ހުންނަ އެއްޗިހި މި އަންނަން ފެށީ..،" އަޝްވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ މިހާ ފުޅާދާއިރާއެއްގައި އަދި ފާޅުކަން ބޮޑުގޮތަކަށް ދިވެހި ބަހުން ހުރި ފޮތްތަކެއް ރާއްޖެ އެތެރެ ކުރަން މަސައްކަތްކުރި ފުރަތަމަ ފަހަރު ކަމަށާއި އެކި ފަރާތްތަކުން ރާއްޖެއަށް އެހެން ދީންތައް ފަތުރަން ތަފާތު ތަކެތި އެތެރެ ކުރުން އާންމު ކަމަކަށް ވެއްޖެ ކަމަށެވެ.
"މިއީ އަސްލު ވަރަށް ސީރިއަސް މައްސަލައެއް، އެއީ މި މީހުންގެ މި ގޮތް މުޅިން ބަދަލުކޮށްފައި މުޅިން އާ ވައްތަރެއްގެ އެއްޗިހިތަކެއް އެތެރެ ކުރަން މިއުޅެނީ، މި މީހުންގެ ސްޓްރެޓެޖީ ބަދަލުކޮށްފި، އަދި މިކަމުގައި ގުޅުން ހުރި ދިވެއްސެއް ވެސް ހުރުމުން މިކަން އަދި މާ ސީރިއަސް،" އަޝްވާން ވިދާޅުވި އެވެ. ރާއްޖޭގައި ފަތުރަން މަސައްކަތް ކޮށްފައި މުޅިންހެން ވެސް ކްރިސްޓިއަން ދީންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ މީހާ ހައްޔަރު ކުރި ރޭ ސްރީލަންކާގެ ކޮލަމްބޯއިން ރާއްޖެ އައި ދިވެއްސެއްގެ އަތުން ވެސް އިނގިރޭސި ބަހުން ލިޔެފައިވާ ކްރިސްޓިއަން ދީނުގެ ފޮތެއް ފެނިގެން އެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ. ނަމަވެސް ދިވެހި މީހާ ހައްޔަރުކޮށްފާ ނުވާއިރު އޭނާގެ މައުލޫމާތު ވެސް އާންމުކޮށްފައެއް ނުވެ އެވެ.
އަޝްވާން ވިދާޅުވީ ދިވެހި މީހާ ހައްޔަރުވެސް ނުކޮށް އަދި އޭނާގެ މައުލޫމާތުވެސް އާންމުނުކުރީ އިނގިރޭސި ބަހުން ހުންނަ ފޮތެއް ދިވެއްސެއްގެ އަތުން ފާހަގަވެއްޖެ ނަމަ އެކަން އަބަދުވެސް އިތުރަށް ތަހުގީގު ކުރާތީ ކަމަށާއި އެފޮތް އިސްލާމިކް މިނިސްޓްރީ ރަނގަޅަށް ބެލުމަށް ފަހު ނޫނީ ދިވެހިންނާ މެދު ފިޔަވަޅު ނާޅާ ކަމަށެވެ.
"މީގަ ވާގޮތަކީ އަޅުގަނޑުމެން މިފަދަ މައްސަލަތަކުގައި ދިވެހިން ވީމަ އެފޮތް އަޅުގަނޑުމެން ފޮނުވަނީ އިސްލާމިކް މިނިސްޓްރީއަށް، އެ މިނިސްޓްރީން އެ ފޮތް ރަނގަޅަށް ކިޔާފައި އެއީ އެފަދަ ފޮތަކަށް ވަންޏާ ޕޮލިހަށް ހުށަހަޅައިގެން އެ ފިޔަވަޅެއް އަޅަނީ، އަނެއްކާ މި ބަގްލަދޭސް މީހާ އޭނާ މިވަނީ ހަމަ ސީދާ އެފަދަފޮތްތަކެއް ދެއްތޯ އެތެރެކޮށްފައި،" އަޝްވާން ވިދާޅުވި އެވެ.
ހައްޔަރުކުރި ބަނގްލަދޭޝް މީހާއަކީ އަލަށް ރާއްޖެ އައި މީހެއް ކަމަށާއި އޭނާ ރާއްޖެއައީ ޓޫރިސްޓު ވިސާގައި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ. އަދި އޭނާ ރާއްޖެއައީ ހޮޓަލެއްގައި ހުންނަން ބްކިންސް ހަދައިގެން ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.