ޝަރުއީ ނިޒާމަށް އިސްލާހު ގެނެވެންދެން ރާއްޖޭގެ ކޯޓުތަކުން ކުރާ އަމުރުތައް ބަލައިނުގަތުމަށް އެމްޑީޕީން ނިންމާފައިވާ ނިންމުމަށް ތަބާވާން ޖެހޭނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލް ހޯލުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމަނެވަޑައިގަންނަވާ ގާނޫނީ ވަކީލް ހަސަން ލަތީފު މިއަދު ވިދާޅުވީ ކޯޓުތަކުން ނެރޭ އަމުރުތައް ގަބޫލު ނުކަން އެމްޑީޕީގެ ގުނަވަނަކުން ގަރާރެއް ފާސްކޮށްފައިވާތީ އެކަން ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އެމްޑީޕީން ގޮވާލާފައި އޮތީ ރައްޔިތުނަށް ޝަރުއީ ނިޒާމްގެ ތެރެއިން ކުރެވޭ އަމުރުތައް ބަލައި ނުގަންނަން. އެހެންވީމަ ރައީސް ނަޝީދަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ވެފައި ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ އެމްޑީޕީގެ އެފަދަ ގުނަވަނަކުން އެހެން ނިންމަވާ ނިންމުން ތަކަކީ އެމަނިކުފާނު ވެސް އެ ނިންމުންތަކަށް އެ ރުހޫގައި އަމަލު ކުރައްވާނެ ނިންމުންތަކެއްކަން،" ހަސަން ލަތީފު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމްގެ ތެރެއިން ނިންމާ ނިންމުންތައް ގަބޫލު ނުކުރުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީން ގަރާރެއް ފާސްކޮށްފައިވާއިރު ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތަށް މިއަދު ރައީސް ނަޝީދު ހާޒިވެވަޑައިގެންފައެއް އެއްނުވެ އެވެ.

އެހެން ނަމަވެސް އަބްދުﷲ ރިޔާޒް އެދިވަޑައިގަތުމާއި ގުޅިގެން މިއަދު ބާއްވަން އުޅުނު ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.

ގާނޫނު އަސާސީއާ ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް މާދަމަ އަށް ތާވަލް ކޮށްފައިވާ އިރު ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ނަޝީދު މާދަމާ އަތޮޅުތަކަށް ވަޑައިގަންވާނެ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ކޯޓުން ނިންމާ ނިންމުންތައް ގަބޫލް ނުކުރަން އެމްޑީޕީން ނިންމާފައިވާ އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ ޕްރިލިމިނަރީ އަޑު އެހުމެއް މާދަމާ ބާއްވާނެ އެވެ.