"ހިޓާޗީ ފުޓްސަލް އެރީނާ" ނަމުގައި ހުޅުމާލޭގައި ހެދި "ޔުނިޓީ ތުރޫ ފުޓްސަލް" ދަނޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭ ކަމަށް ހުޅުމާލޭގެ ގިނަ ޒުވާނުންތަކެއް ބުނެފި އެވެ.

ޔުނިޓީ ތުރޫ ފުޓްސަލް ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހަތް ފުޓްސަލް ދަނޑު އެޅުމަށް ފެށި މަޝްރޫޢުގެ ދަށުން ހެދި ފުރަތަމަ ދަނޑު މިދިއަ ހުސްވި އޮގަސްޓު މަހުގެ ކުރީ ކޮޅު ހުޅުމާލޭގައި ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މުޙައްމަދު ވަޙީދުއްދީން (ޑީން) އެވެ.

ފުޓްސަލް ދަނޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭ ކަމަށް ބުނެ، ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ގިނަ ޒުވާނުންތަކެއް މިއަދު ބުނީ، ރާއްޖޭގައި މިހާތަނަށް ހެދި ޔުނިޓީ ތުރޫ ފުޓްސަލް ދަނޑުގެ ބޭނުން ހިފަން ބޭނުންވި ނަމަވެސް އެ ދަނޑު ބަންދުކޮށްފައި ހުރުމުން ދަނޑުގެ ބޭނުން ގިނަ ފަހަރަށް ނުހިފޭ ކަމަށެވެ. ދަނޑުގައި ކުޅެން ބޭނުންވި ނަމަވެސް ދަނޑު އޮންނަނީ ކޮންފަރާތެއްގެ ބެލުމުގެ ދަށުގައި ކަން ވެސް ނޭނގޭ ކަމަށް ވެސް ބުންޏެވެ.

"އަހަރުމެން ވަރަށް ބޭނުން ފުޓްސަލް ކުޅެން. އެކަމަކު ދަނޑަށް ކުޅެންދާ ގިނަ ދުވަސްތަކުގައި ދަނޑު ހުންނަނީ ބޮޑު ތަޅު އަޅުވާފަ. މިއީ ވަކި ބަޔަކު ކުޅެން ހެދި ދަނޑެއް ނޫން. ވަކި ބަޔަކު ކުޅެން ވީމަ ދަނޑު ހުޅުވިޔަސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން. މި ދަނޑު ހުޅުވައި އަދި ތަޅު ލަނީ ކޮންފަރާތެއް ކަމެއް ވެސް ނޭނގެ. އެކަން ވެސް އިނގޭ ނަމަ އަހަރުމެން އެފަރާތްތަކުގައި އެދިގެން އެކަން ކުރާނަން" ޒުވާނަކު ބުންޏެވެ.