އަސްކޮއި އުމްރާ ގުރޫޕުން ލަނޑު ދިން ބަޔަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަސްކޮއި ގްރޫޕުން އުމްރާއަށް ދާން ފައިސާ ދައްކާފައިވާ މީހުންނަށް ލަނޑުދިން މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެ، އެ ކުންފުނިން އެ ފަރާތްތަކަށް ފައިސާ ދައްކަން ހުކުމްކޮށްފައިވެއެވެ.

މި ފަހަރުގެ ހުކުމް މިއައީ ވެސް އުމްރާއަށް ދާން ފައިސާ ދެއްކި ހަ މީހަކަށް ލަނޑު ދީގެންނެވެ.

މި މައްސަލައިގައި އެ ހަ މީހުންގެ ފަރާތުން އެ ކުންފުންޏާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދުގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައި ވަނީ އުމްރާއަށް ދިޔުމަށް އެ އާއިލާއިން ދެއްކި 155،700 ރުފިޔާއާއި މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ހިނގި ޚަރަދު އެ ކުންފުނިން ހޯދުމަށެވެ.

ޝަރިއަތުގެ ޚަރަދުގެ ގޮތުގައި 42،000 ރުފިޔާ ހޯދަން އެދިފައިވީ ނަމަވެސް އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށް މި މައްސަލައިގައި ކުރި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

އެ މައްސަލައިގެ ޝަރިއަތުގައި އެ ކުންފުނިން ވަނީ އުމްރާއަށް ދާން ދެއްކި ފައިސާ އަނބުރާ ދައްކަން އެއްބަސްވެފައެވެ. އަދި ފައިސާ ދައްކަން އެ ކުންފުނިންނާއި އަބްދުﷲ ރަޝީދު އެއްބަސްވުމުން ސިވިލް ކޯޓުން ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ. އެއީ މަހަކު ގާތްގަނޑަކަށް 6500 ރުފިޔާގެ މަގުންނެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ގްރޫޕެއް ކަމަށްވާ އަސްކޮއި ޓްރެވެލް ސާވީސް ލިމިޓެޑްއިން ފައިސާ ނެގުމަށް ފަހު އުމްރާއަށް މީހުން ނުގެންދިޔަ މައްސަލައިގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައި، ކުންފުންޏާ މެދު ފިޔަވަޅު އަޅަން އިސްލާމިން މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމައިފައެވެ.