ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރިން ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މާލެ، ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ ހަވީރު، 17:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި ދުއްވަންއިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލު ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ މާލެ ސަރަހައްދުގައި ބޮޑެތި އެކްސިޑެންޓުތައް ވަރަށް އާންމުވެފައިވާ ދުވަސްވަރެކެވެ. ހޯމަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ވަނީ އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެފައެވެ. އެއީ އުމުރުން 62 އަހަރުގެ މީހަކަށްވާއިރު، އޭނާއަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.

މީގެ އިތުރުން ވެސް ނުރައްކާތެރި ދެ ހާދިސާއެއްގައި ކުޑަ ދެ ކުދިން ވެސް ވަނީ މަރުވެފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރި ހިނގި އެކްސިޑެންޓެއްގައި ނުވަ އަހަރުގެ، ކ.މާލެ، މ.ލެމަންޓްރީ1، ޒީވާ ސިނާން އަޙްމަދު ވަނީ މަރުވެފައެވެ. އަދި ހަމަ އެ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ޓަވަރަކުން ވެއްޓި، އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެސް އިއްޔެ ވަނީ މަރުވެފައެވެ.